03 Jun 2014, 16:11
ލ. ގަން ތުނޑި، ވުޑުލޭންޑް، އަހްމަދު ނިޒާރު މާރަލިކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުއްޖާގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅައިފިއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ފަސް ވައްތަރެއްގެ ހެކީން ޝަރީއަތަށް ހުށަހަޅާފައިވާކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ މަންޒަރު ދުށް ހަތަރު މީހަކާއި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ މީހަކު ތަހުގީގަށް ދީފައިވާ ބަޔާނާއި ހާދިސާ ހިނގިތަނަށް ދިޔަ ހަތަރު ފުލުހުން ހިމެނޭ ކަމަށް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވިއެވެ.
އެ ހެކިތަކުގެ އިތުރުން ނިޒާރު މަރާލުމުގެ ހާދިސާ ހިނގުމުގެ ކުރިން އެ ކުއްޖާ އިތުރު ބަޔަކާ ގުޅިގެން ވަކިބަޔަކު ހޯދުމަށް މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދިނުމަށްޓަކައި ހަ މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ ހުރިހާ ހެކީން ވެސް ހުށަހަޅާފައި ވަނީ ސިއްރު ހެކީންގެ ގޮތުގައި ކަމަށް އެ ކޯޓުން ބުންޏެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދިފާއީ ހެކީން ހުށަހެޅުމާ މެދު ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ގޮތެއް ނިންމުމަށް އެ ކުއްޖާ އަށް ފުރުސަތު ދިނުމަށްފަހު ކަމަށެވެ.
އެ ކުއްޖާގެ މައްޗަށް ކުރި އެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ (15 ޖުލައި) ދަންވަރު 2:23 އެހައިކަންހާއިރު ގަމު ސިނާއީމަގުންދެކުނުން އުތުރަށް އަހްމަދު ނިޒާރު ދުއްވާފައި ދަނިކޮށް، އެމަގުގެ ދިރާގު އެންޓަނާ ހުންނަސަރަހައްދާ ކައިރިން، އެ ކުއްޖާއާ އިތުރު ބަޔަކު ލަކުޑިބުރިއާއި ދަގަނޑުބުރިން އޭނާ އަށް ހަމަލާދީފައިވާ ކަމަށެވެ. އެމީހުން ދިން ހަމަލާގެ ސަބަބުން ނިޒާރު މަރުވެފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.
އެ ކުއްޖާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުމާއި ނުވަތަ އެފަދަ މަގުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭ ފަދަ ކަމެއް ކުރުމާއި އެފަދަކަމެއް ކުރުމަށް އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.
އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ މަރުން ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުން ކަމަށެވެ. އަދި އެފަދަ ކުށެއް ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީ ވެސް އެއީ އެވެ.