ރަޝިޔާއާއި ޗައިނާއާ ދެމެދު ބިނާކުރި ތެޔޮހޮޅި މިދިޔަ ހޮނިހިރު ދުވަހު އިފްތިތާޙްކޮށްފިއެވެ.


މި ތެޔޮހޮޅި ލާފައިވަނީ ރަޝިޔާގެ ސައިބީރިޔާގެ ތެލުގެ މަރުކަޒުތަކާއި ޗައިނާގެ ދާކިންގއާ ދެމެދުގައެވެ. މިތެޔޮހޮޅި މެދުވެރިކޮށް އަހަރަކު 120 މިލިޔަން ފީފާގެ ތެޔޮ ރަޝިޔާއިން ޗައިނާއަށް ފޮނުވައިދޭނެއެވެ.


މިތެޔޮހޮޅިން ޗައިނާއަށް ތެޔޮ ޕަންޕް ކުރުމަށް ދެޤައުމުން އެއްބަސްވެފައިވަނީ 20 އަހަރުގެ މުއްދަތަށެވެ. މިހާތަނަށް ރަޝިޔާގެ ތެޔޮ ޗައިނާއަށް ގެންދަނީ ކާގޯ ރޭލްގެ އެހީގައެވެ.


ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ބޭނުންކުރާ ޤައުމުކަމަށްވާއިރު ރަޝިޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމެވެ. މިއީ ގާތްގަނޑަކށް ހަތަރު ހާސް ކިލޯމީޓަރުގެ ދިގު ހޮޅިއެކެވެ. މިތެޔޮހޮޅި ބިނާކުރީ ޗައިނާގެ ތެލާބެހޭ ކުންފުންޏެއްކަމަށްވާ ޕެޓްރޯ ޗައިނާ އާއި ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ރޮސްނެފްޓް ގުޅިގެންނެވެ. \


މިތެޔޮހޮޅީގެ ސަބަބުން ދެޤައުމުގެ ވިޔަފާރީގެ ދާއިރާ ފުޅާވުމުގެ އިތުރުން ދެޤައުމުގެ އިޤްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. - ޖަވާދު