އިނގިރޭސި ޓީމުގެ ހުރިހާ މަގާމުތަކަށް ވެސް ވާދަވެރިކަން ބޮޑު ކަމުގައި އެ ޓީމުގެ ޖޭމްސް މިލްނާ ބުނެފި އެވެ.

މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ މިޑްފީލްޑަރު މިލްނާ އަށް އިނގިރޭސި ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ އިރު، އޭނާގެ މަގާމަށް ކުޅޭ އެޑަމް ލަލާލާ އަދި ރަހީމް ސްޓާލިންގްއާ ވާދަކުރަން ޖެހޭނެ އެވެ.

"މުޅި ސްކޮޑުގައި ތެރޭގައި އޮތީ ވާދަވެރިކަން. އެއީ ކާމިޔާބަށް އެޅޭ ހުރަހެއް ނޫން. އެއީ ކާމިޔާބު ހޯދުމަށް މަގުފަހި ކޮށްދޭ ކަމެއް. އަހަރެމެން ތަފާތު ޓީމުތަކާ ދެކޮޅަށް ދައްކަން ޖެހޭނީ ތަފާތު ކުޅުމެއް. ސްކޮޑުގައި މުޅިން ވެސް ތިބީ މޮޅު ކުޅުންތެރިން. ހުރިހާ ކުޅުންތެރިން ވެސް ފުރަތަމަ އެގާރައިން ޖާގަ ބޭނުންވޭ. އަހަރެންނަށް ފުރަތަމަ އެގާރައިން ޖާގަ ލިބޭނެ ކަމަށް އުންމީދު ކުރަން. ވޯލްޑް ކަޕުގައި ކުޅެން މާ ގިނަ ފުރަސަތުތަކެއް ނުލިބޭނެ،" މިލްނާ ބުންޏެވެ.

ގްރޫޕް ސްޓޭޖުގައި އިޓަލީއާ އެއް ގްރޫޕެއްގައި އޮތުމުން މެންޗެސްޓާ ސިޓީގައި އެކުގައި ކުޅުނު މާރިއޯ ބަލޮޓެލީއާ ދެކޮޅަށް މިލްނާ ނުކުންނަން ޖެހޭ އިރު، އުރުގުއޭއާ ދެކޮޅަށް ނުކުންނަ އިރު ލިވަޕޫލްގެ ލުއިސް ސުއަރޭޒް އަކީ ވެސް މިލްނާ އަށް އައު ކުޅުންތެރިއަކަށް ނުވާނެ އެވެ.

"އަހަރެމެންނާ ދެކޮޅަށް ނުކުންނަ ކުޅުންތެރިން އެނގުމަކީ ފައިދާއެއް. ނަމަވެސް އަހަރެމެން ނުކުންނަނީ ވަކި ވަކި ކުޅުންތެރިއަކާއި ދެކޮޅަކަށް ނޫން. އަހަރެމެން ނުކުންނަނީ ޓީމުތަކާއި ދެކޮޅަށް. އަހަރެމެން ވިސްނަން ޖެހޭނީ ޓީމަށް،" މިލްނާ ބުންޏެވެ. "ދެކުނު އެމެރިކާގައި ކުޅޭ އިރު، އެންމެ ބޮޑު ތަފާތަކީ މޫސުމް. މިހާރު އަހަރެމެން މި މަސައްކަތް ކުރަމުން ދަނީ އެ ހޫނު މޫސުމަށް ތައްޔާރުވާން."