ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕުގައި ވާދަކުރާ ނައިޖީރިއާގެ 23 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފި އެވެ.

މި މަހު ފަށާ ވޯލްޑް ކަޕަށް ނުކުންނަ އެންމެ ފަހުގެ އެފްރިކާ ޗެމްޕިއަން ނައިޖީރިއާ މުބާރާތަށް ތައްޔާރުވަމުންދާ އިރު، މިއީ ވޯލްޑް ކަޕުގައި ނައިޖީރިއާ ވާދަކުރާ ފަސް ވަނަ ފަހަރެވެ. މުބާރާތުގެ ގްރޫޕް އެފްގައި އޮތް ނައިޖީރިއާ ނުކުންނަން ޖެހޭނީ އާޖެންޓީނާ، އީރާން އަދި ބޮސްނިއާއާ ދެކޮޅަށެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް ނައިޖީރިއާ އަށް ނެގި ސްކޮޑުގައި ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ވާދަކުރި ސްކޮޑުގައި ހިމެނުނު ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ވިންސެންޓް އެންޔޭމާ، އޮސްޓިން އެޖިޑޭ، ޖޯސެފް ޔޯބޯ އަދި އެލްޑާސަން އެޗިއެޖިލޭ ހިމަނާފައިވެ އެވެ.

އެންމެ ފަހުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި އެމަނުއެލް އެނިމިކޭ އާއި ގޮޑްފްރޭ އޮބޯބޮނާ އާއި ޖޯން އޮބި މިކެލް އަދި ވިކްޓާ މޮސަސް ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ނެގި ނައިޖީރިއާ ސްކޮޑުގައި ހިމަނައިފަ އެވެ.

ނައިޖީރިއާގެ 23 ކުޅުންތެރިންގެ ސްކޮޑު:

ގޯލްކީޕަރުން: ވިންސެންޓް އެންޔޭމާ، އޮސްޓިން އެޖިޑޭ، ޗިގޮޒީ އަގްބިމް

ޑިފެންޑަރުން: ޖޯސެފް ޔޯބޯ، އެލްޑާސަން އެޗިއެޖިލޭ، ޖުވޮން އޮޝަނިވާ، ގޮޑްފްރޭ އޮބޯބޮނާ، އަޒުނުއިކޭ އެގްވުއެކްވޭ، ކެނެތު އެމެރުއޯ، އެފޭ އެމްބްރޯސް، ކުންލޭ އޮޑަންލަމީ

މިޑްފީލްޑަރުން: ޖޯން އޮބި މިކެލް، އޮގެންޔީ އޮނާޒީ، ރަމޮން އަޒީޒު، މައިކަލް އުޔޭބޯ، ރިޔުބެން ގެބްރިއެލް

ފޯވަޑުން: އޮސަޒޭ އޮޑެމްވިންގީ، އަހްމަދު މޫސާ، ޝޯލާ އަމިއޯބީ، އެމަނުއެލް އެމެނިކޭ، ބަބަޓުންޑެ މައިކަލް، ވިކްޓާ މޮސަސް، އެޗޭ ވޮފޮރު