ބޭންކަށް ޖަމާ ކުރުމަށް ތިން ލައްކައެއްހާ ރުފިޔާ ހިފައިގެން ދިޔަ މީހަކަށް ދެ މީހަކު ވެގެން ތޫނު އެއްޗަކުން ހަމަލާދީ އެ ފައިސާތައް ފޭރިގަނެގެން ފިލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފައިސާ ފޭރިގެންފައި ވަނީ އޮލިމްޕަސް ފުރަގަހުން އޮންނަ ގޯޅިއަކުން މިއަދު މެންދުރު 12:10 ހާއިރު ކަމަށެވެ.

"ފަހަތުން ދެ މީހަކު އައިސް ތޫނު އެއްޗަކުން ހަމަލާދީ ފައިސާ ދަބަސް ފޭރިގެން ފިލި ކަމަށް ރިޕޯޓް ލިބިފައި ވަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ހަމަލާގައި ޒަހަމްވި މީހާ އަށް ލިބުނު ގެއްލުމުގެ ތަފްސީލް މިވަގުތު ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އޭނާ އަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މީހަކަށް ތޫނު ހަމަލާދީ މިއަދު ފޭރިގެންފައި މި ވަނީ މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާތީ ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް އިއްޔެ ފަށާފައި ވަނިކޮށެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑާއި ތަހުގީގު ޑިޕާޓްމަންޓްތަކާއި ފޮރެންސިކް ޑައިރެކްޓްރޭޓާއި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް ގުޅިގެންނެވެ.