03 Jun 2014, 14:58
ރައްޔިތުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން އަށް ކޮމެޓީއެއްގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕްރޮގްރަސިވް ކޯލިޝަނަށް ލިބިއްޖެ އެވެ.
ދާއިމީ ކޮމެޓީތަކަށް މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރުމަށް އެކުލަވާލި ފަސް މެންބަރުންގެ ވަގުތީ ކޮމެޓީން މިއަދު ވަނީ ދާއިމީ ކޮމެޓީތަކަށް ޕާޓީތަކުގެ މެންބަރުން ހިމާނާނެ އަދަދު ފާސްކޮށްފަ އެވެ. ކޮމެޓީން ފާސްކޮށްފައިވާ ގޮތުން ޕީޕީއެމާއި އެމްޑީއޭގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް އެކުލެވޭ ސަރުކާރު ކޯލިޝަނަށް 61 ޕަސެންޓް ކޮމެޓީތަކުގެ މެޖޯރިޓީ ލިބެ އެވެ.
ކޮމެޓީން ފާސްކޮށްފައިވާ ގޮތުން މަޖިލީހުގައި ހިމެނޭ ދާއިމީ 13 ކޮމެޓީއެއްގެ ތެރެއިން 11 ކޮމެޓީއެއްގައި ޕީޕީއެމްގެ ފަސް މެންބަރުން ހިމެނުމުގެ ފުރުސަތު ލިބެ އެވެ. އަދި އެއް ކޮމެޓީގައި ހަތަރު މެމްބަރުން ހިމެނުގެ ފުރުސަތު ލިބެ އެވެ. އަދި ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭއަށް ދާއިމީ ކޮމެޓީތަކުގެ ތެރެއިން އަށް ކޮމެޓީން ފުރުސަލު ލިބެ އެވެ. އެއިން ކޮންމެ ކޮމެޓީއަކުން އެމްޑީއޭއަށް އެއް ގޮނޑި ލިބެ އެވެ.
އެހެންކަމުން ޕީޕީއެމްގެ ފަސް މެމްބަރުންނާއި އެމްޑީއޭގެ މެމްބަރަކު ހިމެނޭ އަށް ކޮމެޓީން ސަރުކާރު ހިންގާ ޕްރޮގްރަސިވް ކޯލިޝަނަށް ޖުމްލަ ހަ މެމްބަރުންނާއެކު މެޖޯރިޓީ ލިބޭނެ އެވެ. ކޮންމެ ކޮމެޓީއެއްގައި ހިމެނެނީ 11 މެމްބަރުންނެވެ.
މެމްބަރުން ކޮމެޓީތަކަށް އައްޔަން ކުރުމަށް ހޮއްވެވި ވަގުތީ ކޮމެޓީން ފާސްކޮށްފައިވާ ގޮތުން އިދިކޮޅު ޕާޓީ، އެމްޑީޕީއަށް ނުވަ ކޮމެޓީއެއްގެ ތެރެއިން ކޮންމެ ކޮމެޓީއަކުން ހަތަރު ގޮނޑި ލިބެ އެވެ. އަދި ތިން ކޮމެޓީގެ ތެރެއިން ކޮންމެ ކޮމެޓީއަކުން އެއް ގޮނޑި އެމްޑީޕީއަށް ލިބެ އެވެ. ސަރުކާރު ކޯލިޝަނުން ވަކިވެފައިވާ ޖުމްހޫރީ ޕާޓީއަށް މަޖިލީހުގެ 12 ކޮމެޓީއަކުން ފުރުސަތު ލިބެ އެވެ. އޭގެ ތެރެއިން އެންމެ ކޮމެޓީއެއް ފިޔަވައި ކޮންމެ ކޮމެޓީއަކުން ދެ ގޮނޑި އެ ޕާޓީއަށް ލިބެ އެވެ. އެއް ކޮމެޓީއަކުން އެ ޕާޓީއަށް ލިބެނީ އެއް ގޮނޑި އެވެ.
އެންމެ މެމްބަރަކު ހިމެނިވަޑައިގަންވާ އަދާލަތު ޕާޓީއަށް މަޖިލީހުން ލިބެނީ ދެ ކޮމެޓީގައި ބައިވެރިވުމުގެ ފުރުސަތެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ އެއް މެންބަރަށް އެއް ކޮމެޓީގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.
ކޮމެޓީތަކަށް ޕާޓީތަކުން ސުލޮޓްތައް ލިބޭ އަދަދު ކަނޑައެޅި ކޮމެޓީގެ މުގައްރިރު ރިޔާޒު ރަޝީދު ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަނަށް އަށް ކޮމެޓީއެއްގެ މެޖޯރިޓީ ލިބޭނެކަން ކަށަވަރުވާ ކަމަށެވެ. އަދި ސަރުކާރަށް މެޖޯރިޓީ ލިބޭ ކޮމެޓީތަކަކީ މަޖިލީހުގައި އެންމެ މުހިންމު ކޮމެޓީތައް ކަމަށް ރިޔާޒު ރަޝީދު ވިދާޅުވި އެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އިމްތިޔާޒު ކޮމެޓީ ފިޔަވައި އެހެން ހުރިހާ ކޮމެޓީއެއްގައި އެ ޕާޓީގެ ދެ މެމްބަރުން ހިމެނުމަށް ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ. އިމްތިޔާޒު ކޮމެޓީގައި ހިމެނެނީ ޖޭޕީގެ އެންމެ މެމްބަރެއް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ހަމައެކަނި މަޖިލިސް މެމްބަރު އަނާރާ ނައީމް ވިދާޅުވީ އެ ޕާޓީން ވިސްނާފައިވަނީ އިޖުތިމާއީ ކޮމެޓީ އާއި ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގައި ބައިވެރިވުމަށެވެ.
ޕީޕީއެމް އާއި އެމްޑީޕީ އަދި އެމްޑީއޭއިން މިއަދުގެ ބައްދަލުވުމުގައި ބުނެފައި ވަނީ ސްލޮޓްތައް ބޭނުންކުރާނެ ގޮތްތައް ނިންމާނީ ޕާޓީތަކާ މަޝްވަރާ ކުރާނެ ކަމަށެވެ. ކޮމެޓީތަކުގެ ސްލޮޓްތައް ބަހަނީ މެމްބަރުންގެ އަދަދަށް ބަލާފަ އެވެ.
މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމެޓީތަކުގެ ތެރެއިން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ގައި ޕާޓީތަކުގެ މެމްބަރުން ހިމެނޭނެ ނިސްބަތް މިއަދު ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް އެ ކޮމެޓީގެ މެމްބަރުންގެ އަދަދަކަށް 12 މެމްބަރުން ކަނޑައެޅުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ.
މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމެޓީތަކަކީ އާންމު ކޮމެޓީ އާއި ޕެޓިޝަން ކޮމެޓީ އާއި އިމްތިޔާޒު ކޮމެޓީ އާއި ސުލޫކީ ކޮމެޓީ އާއި ގަވާއިދު ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ އާއި އިޖުތިމާއީ ކޮމެޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އާއި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އާއި ގައުމީ ތަރައްގީގެ ކޮމެޓީގެ އިތުރުން ގައުމީ ސަލާމަތު ކޮމެޓީ އެވެ.