ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ، ސެންޓާ ފޮ މެރިޓައިމް ސްޓަޑީސް (ސީއެމްއެސް) އަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ ސްޓޭންޑަޑައިޒޭޝަން (އައިއެސްއޯ) އިން ދޭ، ހިންގުން ހަރުދަނާ ކަމުގެ ސެޓްފިކެޓް މިއަދު ހަވާލުކޮށްފި އެވެ.

އައިއެސްއޯ 9001:2008– އެވޯޑް އޮފް ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް މިއަދު ގައުމީ ޔުނިވާސިޓީގެ، ކަނޑު ދަތުރުކުރާ މީހުން ތަމްރީނުކުރާ މަޒުކަޒަށް ހަވާލުކުރައްވާފައި ވަނީ އެ މަރުކަޒު އޯޑިޓް ކުރި ނޯވޭގެ 150 އަހަރުވީ ކުންފުނި، ޑީއެންވީ އިންނެވެ.

އެ ސެޓްފިކެޓް ހަވާލުކުރުމަށް މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވީ އެއްވެސް ނޮން ކޮންފާމެންސެއް އަދި ރިޒަވޭޝަނެއް ނެތި އެ ސަނަދު ސެންޓާ ފޮ މެރިޓައިމް ސްޓަޑީސް އަށް ލިބޭކަމީ ޔުނިވާސިޓީ އަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި ކުރިއެރުމެއް ކަމަށެވެ.

އައިއެސްއޯގެ އެ ސްޓޭންޑަޑަކީ ހިދުމަތްދޭ ތަންތަނުން ދެވޭ ހިދުމަތުގެ ފެންވަރު މިނިވަން ފަރާތަކުން ބަލައި އެ ހިދުމަތުގެ ފެންވަރު ރަނގަޅުކަމަށް ހެކިވާކަން އަންގައިދޭ ސެޓްފިކެޓެކެވެ. އެގޮތުން އެ ފެންވަރު ގާއިމްކުރުމަށް ޓަކައި ތަނުގައި ކުރާ ކޮންމެ ކަމަކާއި ހާލަތަކަށް ސިޔާސަތުތަކާއި އުސޫލުތަށް ލިޔެ އެކަންކަމަށް މީހުން ހޭލުންތެރިކޮށް އެގޮތަށް ކަންކަން ހިންގާތޯ ބަލަ އެވެ.