މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗް އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭ ގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް އިޒުހާން "ސަން" އަށް މިއަދު ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ނިންމާފައި ވަނީ ޗެރިޓީ ޝީލްޑް މެޗުން ކަމަށެވެ. މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައި އަންނަ އަންގާރަ ދުވަހުގެ ރޭ 9:00ގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ ސީޒަން ހުޅުވާ މެޗުގައި ބައްދަލުކުރާނީ ދިވެހި ލީގު ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އެފްއޭކަޕްގެ ރަނަރަޕް މާޒިޔާ އެވެ.

އިޒްހާން ވިދާޅުވީ، ޗެރިޓީ ޝީލްޑް މެޗުގެ މިފަހަރުގެ ސްޕޮންސަރަކީ "މައިލޯ" ނޫން ކަމަށާއި ނަމަވެސް އެ މެޗު ސްޕޮންސާ ކުރާ ފަރާތެއް މިއަދު ހަވީރު އޮންނަ އެފްއޭއެމްގެ މީޓިން އަށް ފަހު ޔަގީން ވާނެ ކަމަށެވެ.

ޗެރިޓީ ޝީލްޑަކީ ކުރިން ބާއްވަމުންދިޔަ ކަޕް ވިނާސް ކަޕް އުވާލުމަށް ފަހު 2009 ވަނަ އަހަރުން ފެށިގެން ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. މި މެޗުން މޮޅުވާ ޓީމަކަށް 100،000ރ. ލިބޭއިރު އޭގެ ތެރެއިން 20 ޕަސެންޓް ޗެރިޓީގެ ގޮތުގައި ކޮންމެ ވެސް ފަރާތަކަށް ހަދިޔާކުރަންޖެހެ އެވެ. ފާއިތުވި އަހަރުގެ ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ. އެގޮތުން އެޓީމަށް މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުން އިނާމެއްގެ ގޮތުގައި ލިބުނު 100000ރ (އެއް ލައްކަ ރުފިޔާ)ގެ 20 އިންސައްތަ އަށްވާ ފައިސާ ހަދިޔާ ކޮށްފައިވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށެވެ.

މީގެކުރިން ޗެރިޓީ ޝީލްޑް މެޗް ކުޅެން އެފްއޭއެމްއިން ކުޅެން ނިންމީ ހުސްވި ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެފަހަރު އެމެޗް ނުކުލެ ފަސްކުރީ އެފްއޭއެމްއިން މިދިޔަ މަހު ނިމިގެން ދިޔަ އޭއެފްސީ ޗެލެންޖު ކަޕަށް ގަލޮޅު ދަނޑު އަޕްގްރޭޑް ކުރުމުގެ މަސައްކަތާ ގުޅިގެންނެވެ.

އޭނާ ވިދާޅުވީ، ޗެރިޓީ ޝީލްޑް މެޗަށްފަހު މިއަހަރުގެ ލީގް މެޗްތައް ފެށުމަށް މިހާރު ހަމަޖެހިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

މިއަހަރުގެ ދިވެހި ލީގުގައި އަށް ޓީމު ވާދަކުރަން ނިންމާފައިވާއިރު، އެޓީމް ތަކަކީ ނިމިދިޔަ ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބުކުރި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ އާއި ވެލެންސިއާ އާއި ވިކްޓަރީ އާއި ބީޖީ ސްޕޯޓްސް އާއި އީގަލްސް އާއި އޭވައިއެލްގެ އިތުރުން މުޅިން އަލަށް މިސީޒަންގެ ފުރަތަމަ ޑީވިޝަނަގއި ވާދަކުރާ މަހިބަދޫ ސްޕޯޓްސް ކުލަބެވެ.