"އެޑިޑާސް ބްރަޒޫކާ" އަކީ ބްރެޒިލް 2014 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވާ، ފީފާގެ ރަސްމީ ބޯޅައެވެ. މި ބޯޅަ އުފައްދައިފައި ވަނީ ޖަރުމަނުގެ އެޑިޑާސް ކުންފުނީންނެވެ. ފީފާ ވޯރލްޑް ކަޕްގެ މުބާރާތްތަކަށް ބޯޅަ އުފައްދާ ޕާޓްނަރެއްގެ ގޮތުގައި 1970 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކުންފުންޏަކީ އެޑިޑާސްއެވެ. ބްރަޒޫކާ އަކީ، ވޯރލްޑް ކަޕް މުބާރާތްތަކަށް އެޑިޑާސް ކުންފުނީން ކޮންމެ ހަތަރު އަހަރުން އެއް ފަހަރު އުފައްދަމުން އަންނަ ބޯޅަތަކުގެ ސިލްސިލާއަށް އިތުރު ވާ އާ ބޮޅެވެ.

ވޯރލްޑް ކަޕަށް ޚާއްސަކޮށް އުފައްދާ ބޯޅަތަކުގެ ތެރެއިން، ފޭނުން ނަން ދިން ފުރަތަމަ ބޯޅަ އަކީ ވެސް ބްރަޒޫކާއެވެ. ނަން އިޚްތިޔާރު ކުރެވުނީ، ބްރެޒިލުގެ ފަރާތުން ވޯރލްޑް ކަޕުގެ އިންތިޒާމުތައް ކުރުމުގައި އިސް ދައުރެއް އަދާ ކުރާ "ލޯކަލް އޯރގަނައިޒިންގ ކޮމިޓީ" އާއި އެޑިޑާސް ކުންފުނި ގުޅިގެން ނެގި ފޭނުންގެ ޚިޔާލު ހޯދުމުގެ ވޯޓަކުންނެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ބްރެޒިލުގައި ނެގުނު ވޯޓުގައި 1 މިލިއަނަށް ވުރެ ގިނަ ފުޓުބޯޅަ ފޭނުން ވޯޓު ދިނެވެ. އޭގެ ތެރެއިން 77.8 އިންސައްތަ މީހުންގެ ހޮވުމަކީ "ބްރަޒޫކާ" އެވެ. ބްރަޒޫކާ އާ ވާދަ ކުރި އަނެއް ދެ ނަމަކީ "ބޮސާ ނޯވާ" އާއި "ކާރނަވަލޭސާ" އެވެ. "ބްރަޒޫކާ" މި ލަފުޒަކީ ބްރެޒިލްވަންތަ ކަމާއި، ބްރެޒިލުގެ ގައުމީ ފަޚުރު ހާމަ ކުރާން ބްރެޒިލުގައި ބޭނުން ކުރެވެމުން އައި ލަފުޒެކެވެ. ބްރަޒޫކާގެ ނަން އާއްމުކޮށް އިއުލާން ކުރެވުނީ 2 ސެޕްޓެންބަރު 2012 ގައެވެ.

ބްރަޒޫކާ އަކީ ޔޫރޯ 2012 އަށް އެޑިޑާސް ކުންފުނީން ތައްޔާރު ކުރި "އެޑިޑާސް ޓޭންގޯ 12" ސީރީޒަށް އިތުރު ކުރިއެރުންތަކާއި ތަރައްގީ ގެނެސްގެން އުފެއްދި ބޯޅައެކެވެ. ޓޭންގޯ 12 އަކީ 2010 ވަނަ އަހަރުގެ ވޯރލްޑް ކަޕަށް އެޑިޑާސް ކުންފުނީން އުފެއްދި "ޖަބުލާނީ" އަށް އަމާޒު ވި ގިނަ ފާޑު ކިޔުންތަކާ އެކު، ޖަބުލާނީ އިތުރަށް ފައްކާ ކޮށްގެން ނެރެވުނު ސީރީޒެކެވެ. ގެނެވިފައި ވާ ބަދަލުތަކާ އެކު، ބްރަޒޫކާ އެންމެ ވައްތަރު ވާނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފަހުގެ ސީޒަނަށް ޓަކައި ތައްޔާރު ކުރެވުނު "ފިނާލޭ 13" އާއެވެ. ހުދާއި، ނުލާއި، ފެއްސާ އެކު ބްރެޒިލުގެ ދިދައިގެ ކުލަތަކާއި، ބްރެޒިލް 2014 ގެ ރަސްމީ ލޯގޯގެ ކުލަތަކާއި އެހެން ބައެއް ކުލަތައް ހިމަނައިގެން ފަރުމާ ކުރެވުނު މި ބޯޅައަކީ މިހައިތަނަށް ފީފާ ވޯރލްޑް ކަޕަށް ޓަކައި ނެރެވޭ އެންމެ "ކުލަމަޖާކަން ގަދަ" ބޯޅަ ވެސް މެއެވެ.

ބްރަޒޫކާގެ ޚާއްސަ ސިފަތަކާ ބެހޭގޮތުން އެޑިޑާސް ކުންފުނީން ބުނެފައި ވާ ގޮތުގައި، ބަރުދަނުގައި 437 ގްރާމް ހުންނަ މި ބޯޅައިގެ ހަންގަނޑު ހެދިފައި ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ތަތް ކުރެވިފައި ވާ ޕޮލިޔުރިތޭންގެ ހަ ފަށަލައިގެ މައްޗަށެވެ. އޭގެ ސަބަބުން އެންމެ ބޯ ވާރޭގައި މެޗެއް ކުޅެ ނިންމާލާ އިރު ވެސް މި ބޯޅައިގެ ވަށްކަމާއި ބަރުދަނަކަށް އެއްވެސް ކަހަލަ ބަދަލެއް ނާންނާނެއެވެ. ބޯޅައިގެ ހަންގަނޑުގެ އެންމެ ބޭރު ފަށަލައިގައި ހިމެނެނީ ގިނަގުނަ ދިރާސާތަކާއި، ޖިއޯމެޓްރިކް އަޖާއިބެއް ފަދަ ފަރުމާއަކާ އެކު، މުޅީން އެއް ބައްޓަމަކަށް ހެދިފައި ވާ ހަ ޕެނަލެވެ. މީގެ ކުރީގެ ބޯޅަތަކަށް ބަލާ ނަމަ، ބޯޅައެއްގައި އާއްމުކޮށް ބާރަ، ނުވަތަ ސޯޅަ، ބައެއް ފަހަރު ބައްތިރީސް ޕެނަލް ހިމެނެއެވެ.

ޕެނަލްތައް މަދު ވުމުގެ ފައިދާތަކުގެ ތެރޭގައި، ބޯޅައަށް ފެން ވަނުން 0.2 އިންސައްތައަށް މަދު ކުރެވުމާއި، ބޯޅައިގެ އުމުރު ދިގު ވުމާއި، ކުޅުންތެރިޔާ ބޯޅަ ޖެހުމަށް ފަހު ވައިގެ ސަބަބުން ބޯޅައިގެ މިސްރާބު ބަދަލު ވުމުގެ ފުރުސަތު ވަރަށް ކުޑަ ވުން ކަހަލަ އެތައް ފައިދާއެއް ހިމެނެއެވެ. ބޯޅައިގެ އެތެރޭ ހަންގަނޑު ނުވަތަ ބްލެޑާރ ލޭޓެކްސްއިން ހެދިފައި ވާތީ، ބޯޅަ ބިމުގައި ޖެހި މައްޗަށް އަރާ އެރުން ހުންނާނީ އެންމެ ބަރާބަރު މިންގަނޑުގައެވެ. ހަމައެހެންމެ، ބްރަޒޫކާ އަކީ ކުރީގެ ބޯޅަތަކަށް ވުރެ ސްޕީޑް ބާރު، ކޮންޓްރޯލް ކުރާން ފަސޭހަ ބޯޅައެކެވެ.

ބްރަޒޫކާ އުފެއްދުމުގައި ބޭނުން ކުރާ ހަން ފަދަ އެންމެހައި މާއްދާތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފައްކާ ކުރެވިފައި ހުންނަ، އެންމެ ޒަމާނީ މާއްދާތަކެވެ. ބޯޅަ އުފައްދާނީ އެޑިޑާސްގެ ޕާޓްނަރ އަދި ކުންފުނީގެ ބޯޅަތައް އުފައްދާ ޗައިނާގެ ލޯންގްވޭ ކުންފުނީންނެވެ. މި ކުންފުންޏަކީ އެޑިޑާސްގެ ބޯޅަތައް އުފެއްދުމުގެ މަސައްކަތް 1997 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ.

ބްރަޒޫކާ ތަރައްގީ ކުރުމަށް ޓަކައި އެޑިޑާސް ކުންފުނީގެ ތަޖުރިބާކާރުންނާއި ފަރުމާވެރީން 2 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރިއެވެ. އެ މަސައްކަތުގެ ތެރޭގައި ފުޓުބޯޅައިގެ ތަޖުރިބާކާރުންނާއި ކުޅުންތެރީންގެ އެހީ ވަރަށް ބޮޑަށް ހޯދިފައި ވެއެވެ. ބްރަޒޫކާ އުފެއްދުމަށް ފަހު، ދުނިޔޭގައި އުފެއްދި އެއްވެސް ފުޓުބޯޅައެއް ޓެސްޓް ނުކުރާ މިންވަރަށް، މި ބޯޅަ ވަނީ ޓެސްޓް ކުރެވިފައެވެ. އެގޮތުން، ވޯރލްޑް ކަޕް 2014 އިގެ ރަސްމީ ބޯޅަކަން ސިއްރު ކޮށްފައި ބާއްވައިގެން، ބައިނަލްއަގުވާމީ އެކުވެރިކަމުގެ އެތައް މެޗެއްގައްޔާއި، 20 އަހަރުން ދަށުގެ ވޯރލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ބޯޅަ ބޭނުން ކުރެވުނެވެ. ތިން ބައްރެއްގައި، ދިހަ ގައުމެއްގައި، ތިރީހަށް ވުރެ ގިނަ ޓީމުން ތަމްރީނުތަކާއި ކުޅުމުގައި މި ބޯޅަ ބޭނުން ކުރިއެވެ.

ޔޫރަޕުގެ ލީގުތަކުގެ ތެރެއިން، ބްރަޒޫކާ އެންމެ ފުރަތަމަ ޓެސްޓް ކުރެވުނީ ޖަރމަން ބުންޑަސްލީގާގައެވެ. ބޯޅަ ޓެސްޓް ކުރުމުގައި ބައިވެރި ވި ޓީމުތަކުގެ ތެރޭގައި އިޓަލީގެ އޭސީ މިލާނާއި، ޖަރުމަނުގެ ބެޔާރން މިޔުނިކާއި، އާރޖެންޓީނާގެ ޕަލްމެއިރާސް އާއި، ބްރެޒިލްގެ ފްލުމިނޭސް ހިމެނެއެވެ. ޓެސްޓު ކުރުމުގައި ބައިވެރި ވި ކުޅުންތެރީންގެ ތެރޭގައި އާރޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއި، ސްޕޭނުގެ ތަރި އީކާރ ކަސިޔަސް އާއި، ބްރެޒިލްގެ ތަރި ޑެނީ އަލްވޭޒާއި، ޖަރުމަނުގެ ތަރި ބަސްޓިއަން ޝްވެއިންސްޓެއިގަރ އާއި، ހޮލެންޑުގެ ތަރި ރޮބިން ވޭން ޕާރސީ އާއި، ފްރާންސްގެ މަޝްހޫރު ލެޖެންޑް ޒައިނުއްދީން ޒިދާނާ އެކު، 600 އަށް ވުރެ ގިނަ ކުޅުންތެރީން ހިމެނެއެވެ. ޓެސްޓުތަކުން ބްރަޒޫކާ ފާސް ވެފައި ވަނީ އެންމެ މަތީ މާކުސް ލިބިގެންނެވެ. ޓެސްޓުތަކަށް ފަހު، ބްރަޒޫކާއަށް ވަނީ "ފީފާ އެޕްރޫވްޑް" ސްޓޭމްޕް ލިބިފައެވެ.

ބްރެޒިލް 2014 ގެ ރަސްމީ ބޯޅައިގެ ގޮތުގައި، ރަސްމީކޮށް ބްރަޒޫކާ ތައާރަފު ކުރެވުނީ 2013 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހު، ބްރެޒިލުގެ ރިއޯ ޑި ޖެނެއިރޯގައެވެ. ވޯރލްޑް ކަޕުގެ ޓީމުތައް ލެވުނު ގްރޫޕްތައް އިއުލާން ކުރުމުގެ 3 ދުވަސް ކުރީންނެވެ. ރިއޯގެ މަޝްހޫރު ޕާކް ލޭޖްގައި އޮތް ކުލަގަދަ ހަފުލާއެއްގައި ބޯޅަ އެންމެ ފުރަތަމަ ފަހަރަށް އާއްމުކޮށް ދައްކައިލެވުނު އިރު، އެ ހަފުލާގައި އެޑިޑާސް އާއި ފީފާ އާއި ބްރެޒިލްގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ އޮފިޝަލުންގެ އިތުރުން، މަޝްހޫރު ފުޓުބޯޅަ ތަރީންނާއި ވީއައިޕީންނާއި ސެލެބްރިޓީންގެ އެތައް ބަޔަކު ބައިވެރި ވިއެވެ. ރަސްމީކޮށް ބޯޅަ ތައާރަފު ކުރުމާ ދިމާކޮށް، 3 ޑިސެންބަރު 2013 ގައި ބްރެޒިލުގައި އުފަން ވި ކޮންމެ ކުއްޖަކަށް ވެސް އެޑިޑާސް ކުންފުނީގެ ހެޔޮ އެދުންތަކާ އެކު ބްރަޒޫކާ ބޯޅައެއް ހަދިޔާ ކުރެވުނެވެ.

ބްރަޒޫކާއަށް ކުޅުންތެރީންގެ ދުލުން ވެސް އޮހެމުން ދަނީ ތައުރީފެވެ. އާރޖެންޓީނާގެ ތަރި ލައިނަލް މެސީ ބުނީ "މި ބޯޅަ ފުރަތަމަ ތަޖުރިބާ ކުރުމާ އެކު އަހަރެންގެ ހިތަށް އެރީ މިއީ ވަރަށް ބަރާބަރު ބޯޅައެކޭ" މިހެންނެވެ. ސްޕޭނުގެ ގޯލްކީޕަރު އީކާރ ކަސިޔަސް ބުނި ގޮތުގައި "ބްރަޒޫކާ އަކީ ބްރެޒިލުގެ ފެންވަރާ އެކަށޭނަ، ވަރަށް ފައްކާ ފަރުމާއަކަށް ތައްޔާރު ކުރެވިފައި ވާ" ބޯޅައެކެވެ. ކަސިޔަސް އަކީ މީގެ ހަތަރު އަހަރު ކުރީން، ދެކުނު އެފްރިކާގައި އޮތް ވޯރލްޑް ކަޕަށް "ޖަބުލާނީ" ބޯޅަ ނެރެވުމުން، އެ ބޯޅަޔަށް ވަރަށް ބޮޑަށް ފާޑު ކީ ކުޅުންތެރިއެކެވެ. ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވޭޒް ބުނެފައި ވަނީ "އެޑިޑާސްއިން ތައްޔާރު ކޮށްފައި މިވަނީ ފީފާ ވޯރލްޑް ކަޕް ކަހަލަ މުބާރާތަކާ އެކަށީގެންވާ، ވަރަށް ފެންވަރު ރަނގަޅު ބޯޅައެއް" ކަމަށެވެ. މި ބޯޅައަކީ ބިމަށް ވެސް އަދި ވަޔަށް ވެސް ބަރާބަރު ބޯޅައެއް ކަމަށް ބުނެ، ހުރިހާ ކުޅުންތެރީން ވެސް ބްރަޒޫކާއާ ވަރަށް ގަޔާ ވާނެ ކަން ޔަގީން ކަމަށް ވެސް އަލްވޭޒް ބުނެފައި ވެއެވެ.

މެސީ އާއި ކަސިޔަސް އާއި އަލްވޭޒްގެ އިތުރުން، ބޯޅަޔަށް ތައުރީފު ކޮށް ވާހަކަ ދެއްކި ކުޅުންތެރީންގެ ތެރޭގައި އިނގިރޭސި ޓީމުގެ ކެޕްޓަން ސްޓީވެން ޖެރާރޑް ވެސް ހިމެނެއެވެ. "ބްރަޒޫކާ އަކީ މިހައިތަނަށް އުފެއްދުނު އެންމެ ހިތްގައިމު، އެންމެ ފެންވަރު ރަނގަޅު ބޯޅަ، މި ބޯޅަޔާ ބެހޭގޮތުން އެއްވެސް މީހަކު ކިޔާނޭ ފާޑެއް އޮންނާނޭ ހެނެއް އަހަންނަކަށް ހިއެއް ނުވޭ." ޖެރާރޑް ބުންޏެވެ.

ކުޅުންތެރީންނާއި ކޯޗުންގެ އިތުބާރު ލިބިފައި ވާ ބްރަޒޫކާ ވަނީ 4 ޑިސެންބަރު 2013 އިން ފެށިގެން، ދުނިޔޭގެ ބައެއް ރީޓެއިލް އައުޓްލެޓްތަކަށް ނެރެވިފައެވެ. ކޮންމެ ހަތަރު އަހަރުން އެއް އަހަރު، ފީފާ ވޯރލްޑް ކަޕަށް ޓަކައި އެޑިޑާސް ކުންފުނީން އުފައްދާ ޚާއްސަ ބޯޅައަކީ ވަރަށް ބޮޑު ވިޔަފާރިއެއް ކުރެވޭ އުފެއްދުމެކެވެ. 2010 ވަނަ އަހަރު ނެރެވުނު "ޖަބުލާނީ" ގެ 13 މިލިއަން ބޯޅަ، ހަމައެކަނި 2010 ގައި ވިކިފައި ވެއެވެ. ބްރަޒޫކާ ބޯޅައެއްގެ ރީޓެއިލް އަގު 159 ޔޫއެސް ޑޮލަރުގައި ހުރި އިރު، އެޑިޑާސް ކުންފުނީން ލަފާ ކޮށްފައި ވަނީ ޖަބުލާނީއަށް ވުރެ ގިނައިން ބްރަޒޫކާ ވިކޭނެ ކަމަށެވެ. އެހެންކަމުން، ހަމައެކަނި މި އަހަރުގެ ތެރޭގައި، ބްރަޒޫކާ ވިއްކައިގެން އެޑިޑާސް ކުންފުންޏަށް 2 ބިލިއަން ޑޮލަރާއި 2.5 ބިލިއަން ޑޮލަރާ ދެމެދުގެ އާމުދަނީއެއް ނެރެވޭނެ ކަމަށް ލަފާ ކުރެވެއެވެ.

ބްރެޒިލް 2014 ނުވެސް ފެށެނީސް ބްރަޒޫކާ ދަނޑުތަކަށް ނުކުމެ ކުޅުންތެރީންގެ ހިތްތައް އެކީގައި ފަތަހަ ކޮށްފައި ވާތީ، އެއް ވާހަކައެއް ޔަގީންކަމާ އެކު ބުނެވިދާނެއެވެ. މި ފަހަރު އެޑިޑާސް ކުންފުނީން އުފައްދައިފައި މި އޮތީ، ސްޓްރައިކަރަށް ލަނޑު ނުޖެހުމުން ނުވަތަ ގޯލްކީޕަރަށް ސްޓްރައިކަރުގެ ޝޮޓް މަތަ ނުކުރެވުމުން، "ގޯހީ މަށެއް ނޫނޭ ބޯޅައޭ، ޖެހި ދިމާޔަށް ބޯޅަ ނުދިޔައީއޭ، ވައިގެ ތެރޭގައި ބޯޅަ ނުފާޑަކަށް އެނބުރުނީއޭ" ބުނެވޭ ވަރަށް ވުރެ ފައްކާ ބޯޅައެކެވެ.