ހިތާވެގެންއުޅޭ ހިލޭ ފިރިހެނަކާ ގުޅިގެން ފިރިމީހާ މަރާލުމަށް ރޭވުމުގެ ކުށުގައާއި އެ ފިރިހެންމީހާއާއެކު ޒިނޭކުރުމުގެކުށް ސާބިތުވެގެން، އީރާނުގެ އަންހެނެއްގެ މައްޗަށް ކޮށްފައިވާ، ރަޖަމްކޮށްގެން މެރުމުގެ ޙުކުމް ތަންފީޒުކުރުން ފަސްކޮށްފި އެވެ.


އީރާނުގެ ޝަރްޢީ ދާއިރާއިންބުނީ މެދު ޢުމުރުގެ އަންހެނެއް ކަމަށްވާ ސަކީނާ މުޙައްމަދީގެ މައްޗަށް އީރާނުގެ ކޯޓަކުން ކޮށްފައިވާ ޙުކުމް، ދަންޖައްސައިގެން މެރުމުގެ ޙުކުމަކަށް ބަދަލުކުރެވިދާނެ ކަމަށާއި ނަމަވެސް އިސްލާމީ ޝަރީޢަތާ އެއްގޮތަށް މިއަންހެންމީހާގެ މައްޗަށް މިޙުކުމް ތަންފީޒުކުރެވޭނެ ކަމަށެވެ.


އީރާނުގެ ސަރުކާރުންވަނީ ދަރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްޓަކައި ޖަލުން ބޭރަށް ދިޔުމުގެ ފުރުސަތެއް މިއަންހެންމީހާއަށް ދީފައެވެ. މިފުރްސަތުގެ ބޭނުންހިފައިގެން މިއަންހެންމީހާވަނީ އޭނާގެ ފިރިހެން ދަރިފުޅާއި އަންހެންދަރިފުޅާއެކު ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވެފަ އެވެ. މިއަންހެންމީހާގެ ފިރިހެންދަރިފުޅުވަނީ މަންމަގެ ޙާލަތާމެދު ހިތާމަކުރިނަމަވެސް މަންމައަކީ ކުށްވެރިއެއް ކަމަށް ބުނެފައެވެ. އީރާނުގެ ތަބްރީޒުގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި އަންހެންމީހާގެ ފިރިހެން ދަރިފުޅު ސިޖާދު ޣަދީރު ޒާދާ ބުނީ ކޮންމެފަދަ ކުށެއް ކުރިނަމަވެސް މަންމަވާނީ މަންމައަށް ކަމަށާއި މަންމަގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި މަންމައަށް މަޢާފް ލިބޭތޯ ކުރެވުނުހާ މަސައްކަތެއް ކުރާނެ ކަމަށެވެ. ސިޖާދުބުނީ މަންމަގެ ސަބަބުން ބައްޕަ ނެތިގެންދިޔައީ ކަމަށާއި އަނެއްކާ މަންމަ ނެތިގެން ދިޔުމަކީ ކެތްކުރެވޭނެ ކަމެއް ނޫންކަމަށެވެ.


އީރާނަކީ އިސްލާމީ ޝަރީޢަތަށް ޙުކުމްކޮށް އެގޮތަށް ޙުކުމް ތަންފީޒުކުރާ ޤައުމެކެވެ. އިސްލާމީ ޝަރީޢަތާ އެއްގޮތަށް އީރާނުގެ ޝަރްޢީ ކޯޓުން ޙުކުމްކުރީ މިއަންހެންމީހާ ރަޖަމް ކުރުމަށެވެ. އެއީ މުޙްޞިނަކު ޒިނޭކުރުމުގެ އަދަބަކީ ރަޖަމްކުރުން ކަމަށްވާތީއެވެ.


މީގެއިތުރުން ފިރިމީހާ މަރުވީވެސް މިއަންހެންމީހާގެ ނުބައިރޭވުންތަކުގެ ސަބަބުންނެވެ. ނަމަވެސް އދ. އާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުންނާއި ހުޅަނގުގެ ޤައުމުތަކުން ގެންދަނީ މިއަންހެންމީހާއަށް އިއްވި ޙުކުމަކީ ހަރުކަށި ޙުކުމެއް ކަމަށްބުނެ މިޙުކުމް ތަންފީޒު ނުކުރުމަށް އީރާނަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.


އީރާނުންބުނަނީ މިއީ މިއަންހެންމީހާގެ މައްޗަށް ކުރެވިފައިވަނީ މާތް ﷲ ގެ ޙުކުމް ކަމަށާއި މިއީ އީރާނުގެ އަމިއްލަ ޙުކުމްނޫން ކަމުގައެވެ. އަދި އީރާނުގެ ޝަރްޢީ ދާއިރާއަށް ބާރުފޯރުވައި ޝަރްޢީ ދާއިރާގެ މުސްތަޤިއްލުކަން ކަނޑުވާލުމަށް މަސައްކަތް ނުކުމަށްވެސް އީރާނުންވަނީ މިފަރާތްތަކަށް ގޮވާލާފައެވެ.