03 Jun 2014, 13:51
ފްރާންސްގެ އަނިޔާވެފައިވާ ވިންގާ ފްރޭންކް ރިބެރީ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމުގައި އެ ޓީމުގެ ބްލައިސް މަޓުއިޑީ ބުނެފި އެވެ.
މިދިޔަ ހަފްތާގައި ނޯވޭ އަތުން 4-0 ލަނޑުން ފްރާންސް މޮޅުވުމާއި ހަމައަށް އެ ޓީމުގެ ވޯލްޑް ކަޕް ތައްޔާރުވުންތައް ފެނިގެންދިޔައީ ވަރަށް އުޖާލާކޮށެވެ. ނަމަވެސް ރިބެރީގެ ބުރަކަށްޓަށް ލިބުނު އަނިޔާއާ ގުޅިގެން ފްރާންސް އަށް ގިނަ ބަދަލުތަކެއް އައިސްފައިވާ ކަން ފާހަގަކޮށްލެވެ އެވެ.
"އަހަރެންނަކީ ޑޮކްޓަރެއް ނޫން. ނަމަވެސް މިހާރު ރިބެރީގެ އަނިޔާ ރަނގަޅުކަން އަހަރެންނަށް އެނގޭ،" މަޓުއިޑީ ބުންޏެވެ. "ވޯލްޑް ކަޕުގެ ކުރިން ކުޅޭ އެންމެ ފަހު އެކުވެރިކަމުގެ މެޗަށް ރިބެރީ ފިޓްކުރެވޭތޯ ޓީމުގެ މެޑިކަލް ޓީމުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. އޭނާ އަކީ ފްރާންސަށް ވަރަށް މުހިންމު ކުޅުންތެރިއެއް،"
އަނިޔާގެ ސަބަބުން މިދިޔަ އާދީއްތަ ދުވަހު ޕެރަގުއޭއާ ދެކޮޅަށް ކުޅެ، 1-1 ލަނޑުން ފްރާންސް އެއްވަރުވި މެޗުގައި އޭނާ އަށް ކުޅެވިފައެއް ނުވެ އެވެ. ވޯލްޑް ކަޕުގައި މި މަހު 15 ވަނަ ދުވަހު ފްރާންސް ކުޅޭ ފުރަތަމަ މެޗަށް ރިބެރީ ފިޓްވާނެ ކަމަށް ބަލާފައި ފްރާންސް ކޯޗު ޑިޑިއާ ޑެޝޯމްސް ވަނީ އެ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑަށް ރިބެރީ ނަގައިފަ އެވެ.