ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ކެމްބޯޑިއާގައި ފުން ފެންވަޅެއްގެ ތެރެއަށް ވެއްޓުނު ފައިސާ ފޮއްޗެއް ނަގަން ފޭބި ހަތަރު ކުޑަކުއްޖަކާއި ތިން މީހަކު މަރުވެއްޖެ އެވެ.

ކެމްބޯޑިއާގެ ފުލުހުންނާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ، ކެމްބޯޑިއާގެ އެކަހެރި ސަރަހެއްދެއްގައި އޮންނަ ސިއެމް ރީޕްގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި ހަތް މީހުން މަރުވެފައި ވަނީ، ފުން މިނުގައި ފަސް މީޓަރު (16 ފޫޓު) ހުރި ވަޅެއްގެ ތެެރެއަށް ވެއްޓުނު 3000 ރިޔާލް (11.65 ރުފިޔާ) ނަގަން ފޭބުމުން ވަޅުގެ ފުލުގައި އޮކްސިޖަންގެ މިންވަރު ދަށްވުމުން ކަމަށެވެ.

އެ އަވަށުގެ ފުލުހުންގެ އޮފިސަރު މައި ނޯން ބުނީ، އެ ހާދިސާގައި މަރުވެފައި ވަނީ 11 އަހަރާއި 13 އަހަރާއި 15 އަހަރުގެ ކުއްޖެއްގެ އިތުރުން ސަލާމަތްކުރަން ވަޅަށް ފޭބި އަވަށްޓެރިންގެ ތެރޭގައި ހިމެނޭ 12 އަހަރުގެ ކުއްޖަކާއި އިތުރު ތިން މީހެއް ކަމަށެވެ.

"ފުރަތަމަ ވަޅަށް ފޭބީ އުމުރުން 11 އަހަރުގެ ކުއްޖާ. އެއަށް ފަހު އުމުރުން 13 އަހަރު ކުއްޖާ އާއި 15 އަހަރު ކުއްޖާ ފޭބީ އެކުއްޖާ ސަލާމަތްކުރަން. މަރުވި ތިން ކުދިންނަކީ އެއްބަނޑުއެއްބަފާ ތިން ކުދިން. އެ ތިން ކުދިން ވެސް މަރުވީ. އަވަށްޓެރިންނަށް އެކުދިން ވަޅުގައި ވީކަން އިނގިގެން ފޭބި ސަލާމަތްކުރަން. އެކަމަކު އެމީހުން ވެސް މަރުވީ،" ނޯން ބުންޏެވެ.

އޭޕީއަށް ފޯނުން މައުލޫމާތު ދެމުން މަރުވި ކުދިންގެ ދައްތަ ޗީ ޗަން ބުނީ، ވަޅަށް ވެއްޓުނު ފައިސާ ފޮއްޗަކީ ވަޅުން ފެން ނަގަން އޮތްވާ ބައްޕަ އަތުން ވެއްޓުނު ފައިސާ ފޮއްޗެއް ކަމަށެވެ.

ފައިސާ ފޮތި ނަގަން އޭނާގެ އެންމެ ކުޑަ ކޮއްކޮ ވަޅަށް ފޭބީ ބައްޕަ ފައިސާ ފޮތި ވަޅަށް ވެއްޓުނު ވާހަކަ ބުނުމުން، އެ ފައިސާ ފޮއްޗަކީ އެމީހުން ކަހަލަ ފަގީރުންނަށް ވަރަށް ބޮޑު އެއްޗެއް ކަމަށް ބުނެ ކަމަށް ވެސް އޭނާ ބުންޏެވެ.