ރާއްޖޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްްޓްރީން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަލާފާނު ސްކޫލަށް އިތުރުކުރާ ފަސް ބުރީގެ އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލެވެ. އަދި މަސައްކަތް ހަވާލުކުރި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީއެންސީ)ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ.

ރަސްމިއްޔާތަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވީ، ކަލާފާނު ސްކޫލުގެ އިރުން އޮންނަ ބިމުގައި އިތުރުކުރެވޭ ފަސް ބުރީގެ އިމާރާތަކީ ދައުލަތުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ހަރަދުކޮށްގެން 14 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވުނު މަޝްރޫއެއް ކަމަށެވެ.

އެގޮތުން ކަލާފާނަށް އަލަށް އިތުރުކުރާ އެ އިމާރާތުގެ ބައިގައި 20 ކުލާސް ރޫމާއި ހަތް ފާހާނާ ބޮލޮކް ހިމެނޭ އިރު، ކަލާފާނު ސްކޫލަށް ކުރިން އިތުރުކުރި ތިން ބުރީގެ އިމާރާތުގެ ބަޔާ ގުޅާލުމަށް ވޯކްވޭ ބްރިޖެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކަލާފާނު ސްކޫލަށް އަލަށް އިތުރުކުރާ އިމާރާތުގެ ކޮންސަލްޓަންޓް އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް (އޯޕީޕީ)ގެ އިންޗާޖް އަންވަރު އަލީ ސަން އަށް ވިދާޅުވީ، އެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރި އިރު، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީއާއި ސިޓީ ކައުންސިލްގެ ހުއްދަ މިދިޔަ އާދީއްތަ ދުވަހު ލިބިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް 15 ދުވަހުގެ ތެރޭގައި ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކަލާފާނު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް އެ ސްކޫލް ބޮޑު ކުރުމަށް މިދިޔަ 2011 ވަނަ އަހަރު ވަނީ ތިން ބުރީގެ އިމާރާތެއްވެސް ގާއިމްކޮށްފަ އެވެ. އެ މަސައްކަތް 12.3 މިލިޔަން ރުފިޔާ ހަވާލުކުރީ ވިމްލާ ކޮންސްޓަރްކްޝަނާއެވެ.