ބައްޕަގެ ސައިކަލު ވިއްކަން އުޅުނުކަމުގެ ތުހުމަތުގައި ދެބެން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:15 އެހާކަންހާއިރު ހައްޔަރު ކުރީ އުމުރުން 32 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއް ކަމަށެވެ.

ހުޅަނގު ހާބަރު ސަރަހައްދުން އެ ދެ މީހުން ހައްޔަރު ކުރީ މާފަންނު އަވަށް ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަމުން ދިޔަ ފުލުހުންނަށް އެ ދެ މީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މީހުން ވިއްކަން އުޅުނު ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު، އެ ދެބެންގެ ބައްޕަ ސައިކަލު ގެއްލިގެން އޭރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ އާ ގުޅިގެން ހައްޔަރު ކުރި 32 އަހަރުގެ މީހާއަކީ ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑުގެ އިތުރުން މީގެ ކުރިން ވެސް ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި ތަހުގީގު ނިންމުމަށް ފަހު އޭނާގެ މައްޗަށް ދައުވާކުރުމަށް މަސްތުވާތަކެތީގެ ފަސް މައްސަލައެއް ވަނީ ޕީޖީ އޮފީހަށް ފޮނުވާފައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އޭނާގެ މައްޗަށް ވައްކަމުގެ މައްސަލައެއް ސާބިތުވުމާ ގުޅިގެން މިދިޔަ އަހަރު ކްރިނަލް ކޯޓުން ހުކުމެއް ވެސް ކޮށްފައިވާ ކަމަށެވެ.

ބައްޕަގެ ސައިކަލް ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެބެންގެ ތެރެއިން 34 އަހަރުގެ މީހާއަކީ ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑުގެ އިތުރުން ވައްކަމާއި ތޫނުހަތިޔާރުން ބިރުދެއްކުމުގެ މައްސަލައިގެ ރެކޯޑު އޮންނަ ފަރާތެކެވެ. އަދި އޭނާގެ މައްޗަށް ދައުވާކުރުމަށް ވައްކަމުގެ ތިން މައްސަލަ އެއް ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. މީގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅި މައްސަލައެއް ސާބިތުވެ 2010 ވަނަ އަހަރު އޭނާގެ މައްޗަށް ހުކުމް ކުރުމުގެ އިތުރުން ކޯޓުގެ ހުރުމަތް ކަނޑައިގެން 2011 ވަނަ އަހަރު ކްރިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވެ އެވެ.