އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލާ ކޮމެޓީގެ މުގައްރިރަކަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، އަދި ނާއިބު މުގައްރިރަކަށް މަކުނުދޫ ދާއިރާގެ އަނާރާ ނައީމު ހޮވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލުމަށް ހޮވި ވަގުތީ ކޮމެޓީގެ މުގައްރިރަކަށް ނަޝީދާއި ނާއިބު މުގައްރިރަކަށް އަނާރާ އިންތިހާބުކޮށްފައި ވަނީ އިއްޔެ ބޭއްވި އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.

ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލާ ކޮމެޓީގެ މުގައްރިރު ކަމަށް ނަޝީދު އިންތިހާބުކޮށްފައި ވަނީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ. އަނަރާ ނައިބު މުގައްރިރުކަމަށް އިންތިހާބުކޮށް ވަނީ ވެސް ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލުމަށް ހޮވި ވަގުތީ ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ކޮމެޓީގެ ގަވާއިދު ފާސްކޮށްފަ އެވެ.

މަޖިލީހުގެ ގަވާއިދު އެކުލަވާލާ ވަގުތީ ކޮމެޓީގައި ހިމެނިވަޑައިގެންނަވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ އެވެ.