03 Jun 2014, 12:34
ވިޔަފާރީގައި މަސައްކަތް ކުރާ މީހުންނަށާއި އަލަށް ވިޔަފާރި އަށް ވަންނަ ފަރާތްތަކަށް ވިޔަފާރީގެ ވެއްޓަކީ ފަސޭހަ ވެއްޓަކަށް ހެދުމުގެ ބޭނުމުގައި ކުންފުނިތައް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމުގެ ހިދުމަތް (business.egov.mv) އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީ އިން މިއަދު ތައާރަފްކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދު ތައާރަފް ކުރި ހިދުމަތާ އެކު ވިޔަފާރިއެއް ރަޖިސްޓްރީކުރަން ބޭނުންވާ މީހަކަށް ނުވަތަ ފަރާތަކަށް ކައުންޓަރުތަކުގައި ކިއުގައި ޖެހިގެން ނުތިބެ، ކުންފުނި ރަޖިސްޓްރީކުރަން ބޭނުންވާ ލިޔެކިޔުންތައް އޮންލައިންކޮށް ހުށައެޅުމުން ދެ ދުވަހުގެ ތެރޭގައި ހިދުމަތް ދެވޭނެ ކަމަށެވެ. އަދި އީމެއިލް އާއި މޮބައިލް ފޯން މެދުވެރިކޮށް ހިދުމަތް ކުރިޔަށްދާ މިންވަރާއި ފޯމް އެޕްރޫވްވި ކަމުގެ މައުލޫމާތުގެ އިތުރުން ރެޖިސްޓްރޭޝަނަށް ދައްކަންވާ ފައިސާގެ މައުލޫމާތުތައް ކަސްޓަމަރުންނަށް އަންގަމުންދާނެ ކަމަށެވެ.
އެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ނަސަންދުރަ ޕެލަން ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިއަދު ފެށި ހިދުމަތަކީ 21 ވަނަ ގަރުނަށް ފެތޭވަރަށް ޒަމާނީ ފެންވަރުގެ އަވަސް ހިދުމަތްތައް ފޯރުކޮށް ދިނުމަށް ފެށި ހިދުމަތެއް ކަމަށެވެ. އެގޮތުން މިއަދު ތައާރަފު ކުރި ހިދުމަތުން ކުންފުނިތަކުގެ ޑިރެކްޓަރުންނަށާއި ސެކެރެޓަރީންނަށް ހިއްސާ އޮންނަ ކުންފުނިތަކުގެ މައުލޫމާތާއި ކުންފުންޏާ ބެހޭ މުހިންމު ޝަރުއީ ލިޔުންތައް އެއްތަނަކުން ބަލައިލުމުގެ ހިދުމަތް ފަހިވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު މި ފެށި ހިދުމަތަކީ މިއީ ވަރަށް މުހިންމު ހިދުމަތެއް. ވަކިން ހާއްސަކޮށް އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ޒުވާނުންނަށް ޓެކްނޮލޮޖީގެ ފަސޭހަކަމާ އެކު ބިނާކުރަނިވި ވިޔަފާރިއެއް ފެށުމަށް އެންމެ ފުރަތަމަ ކަޑައްތުރަން ޖެހޭ މަރުހަލާތައް އެތައް ގުނައަކަށް ފަސޭހަވެގެން ދާނެ ކަމެއް." ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މިއަދު ފެއްޓި ހިދުމަތާ އެކު މިނިސްޓްރީގެ ހިދުމަތްތަކަށް ބޮޑަތި ބަދަލުތަކެއް އަންނާނެ ކަމަށާއި ތަރަށްގީވެފައިވާ އެހެނިހެން ގައުމުތަކެކޭ އެއްފަދައިން ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރިއާ ރަހުމަތްތެރި އަދި އިތުބާރާ އެކީ ފޯރުކޮށްދެވޭ ޒަމާނީ ހިދުމަތެއް ތަޖުރިބާކުރެވިގެން ދާނެ ކަމަށެވެ.
އޭގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުންފުނީގެ ހިސާބުތައް ހުށައެޅުމާއި ކުންފުނީގެ އަހަރީފީ ބަލައިގަތުމާއި ހިއްސާދާރުން ބަދަލުކުރުމާއި ވިޔަފާރި ހުއްދަ އަށް އެދުމާއި އާކުރުމުގެ ހިދުމަތްތައް ވެސް އޮންލައިން ކުރެވޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.