ރާއްޖޭގައި ކުރިއަށް އޮތް ތަނުގައި ބާއްވާ އިންތިހާބުތަކުގައި ފައިސާ އަށް ވޯޓު ގަތުން ހުއްޓުވަން ކަމާ ބެހޭ ހުރިހާ މުއައްސަސާތަކުން ސީރިއަސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އިން ބުނެފި އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރި އީޔޫގެ މިޝަން އިން މިއަދު ނެރުނު ފައިނަލް ރިޕޯޓްގައި ބުނެފައި ވަނީ ވޯޓް ގަތުމަކީ ޑިމޮކްރެޓިކް އިންތިހާބުތަކުގެ މައިގަނޑު މަގުސަދަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.

"...ޑިމޮކްރެޓިކް އިންތިހާބުތަކުގެ އެންމެ މުހިއްމު މަގުސަދަށް ހުރަސް އެޅޭ ކަމެއް ކަމަށްވާ ވޯޓްގަތުން ހުއްޓުވުމަށް ކަމާ ގުޅޭ ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ސީރިއަސް މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ވޯޓްގަތުމާ ގުޅޭ ގޮތުން އިންތިހާބުތަކުގެ ކުރިންނާއި ފަހުން ހުށަހަޅާ އީސީ (އިލެކްޝަންސް ކޮމިޝަން) އާ ގުޅިގެން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނާއި ދައުލަތުގެ އެހެން މުއައްސަސާތަކުން އިސްކަން ދޭން ޖެހެ އެވެ،" ކުރި ރިޕޯޓްގައިވެ އެވެ.

ރާއްޖޭގައި ކުރިއަށް އޮތް ދުވަސްތަކުގައި ބާއްވާ އިންތިހާބުތައް ނިމިދިޔަ އިންތިހާބަށް ވުރެ ރަނގަޅު ކުރުމަށް ޓަކައި ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ފާހަގަކޮށްފައިވާ އެއްކަމަކީ އިންތިހާބުތަކުގެ ކަންކަމުގައި އިލެކްޝަން ކޮމިޝަނާއި ކޯޓްތަކާއި ފުލުހުންނާއި އެންޓި ކޮރަޕްޝަންސް ކޮމިޝަނާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ދައުރު ސާފުކޮށް ގާނޫނެއްގައި ބަޔާން ކުރުމެވެ. އަދި އަނެއް ކަމަކީ ކެމްޕޭންތަކާއި ސިޔާސީ ޕާޓީތަކަށް ފައިސާ ހަރަދުކުރާ ގޮތް ރަނގަޅަށް ބެލޭނެ ފަދަ ގާނޫނުތަކާއި ގަވައިދުތައް ހެދުމެވެ.

ރާއްޖޭގެ އިންތިހާބުތައް ރަނގަޅު ކުރުމަށް ޓަކައި ކުރަން ފެންނަ ކަމަށް އީޔޫގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި މީޑީއާގެ މިނިވަންކަން ވަރުގަދަ ކުރުމާއި އިންތިހާބުތަކުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރުކުރަން މަސައްކަތް ކުރުން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށް ފަހު އީޔޫއިން ނެރުނު ވަގުތީ ރިޕޯޓްގައި ވެސް ބުނެފައިވާ ފަދައިން މިއަދުގެ ރިޕޯޓްގައި ވެސް ބުނެފައި ވަނީ އުނދަގޫ މާހައުލެއްގައި ބާއްވަން ޖެހުނު ނަމަވެސް އެއިންތިހާބަކީ އިންތިޒާމުތައް ރަނގަޅު، ވާދަވެރި އިންތިހާބެއް ކަމަށެވެ.

ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އީޔޫގެ ރިޕޯޓް އާއްމު ކުރެއްވީ އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވި އީޔޫ މިޝަންގެ ވެރިޔާ އެޑްއާޑް ކޫކަން އެވެ.

ރާއްޖޭގައި މިދިޔަ މާޗްމަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އީޔޫ އިން ފުރިހަމައަށް އޮބްޒާވްކުރި ރާއްޖޭގެ ފުރަތަމަ އިންތިހާބެވެ.