އަންނަ އާދީއްތަ ދުވަހު ފަށާ އެސްޓީއޯ ނޫފަހި ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) ޓީމަށް ޕާކިސްތާނުގެ ފޯވާޑަކާއި ސްރީލަންކާގެ ފޯވާޑެއް މިއަދު ގެނެސްފި އެވެ.

ސަން ޓީމުގެ މެނޭޖަރު އައިޝަތު ރަފިއްޔާ ވިދާޅުވީ، ޓީމާ މިއަދު ގުޅުނު ޕާކިސްތާނުގެ ފޯވާޑަކީ އެގައުމުގެ ގައުމީ ޓީމުގެ ވައިސް ކެޕްޓަން ހަޖްރާ ހާނެވެ. އަދި ލަންކާއިން ގެނައި ކުޅުންތެރިއަކީ އެގައުމުގެ ގައުމީ ޓީމަށް ކުޅޭ ހަސީނީ މަދުސާނީ ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

ސަން ޓީމުގެ ހެޑް ކޯޗަކަށް މިފަހަރު ހަމަޖައްސާފައި ވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްޑް ކެޕްޓަން އައްސަދު އަބުދުލްޣަނީ އެވެ.

މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގައި ޖުމުލަ ހަތަރު ޓީމް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ގައުމީ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް އާއި ނިއުރޭޑިއެންޓް ސްޕޯޓްސް އާއި ދިވެހި ސިފައިންގެ ކުލަބްގެ އިތުރުން އަންހެނުންގެ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ބައިވެރިވާ ޕޮލިސް ކްލަބެވެ.

މިފަހަރުގެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ވަނީ ހަތަރު ޓީމަށް ބަހާލާފަ އެވެ.

އެފްއޭއެމް އިން ބުނީ، އެންމެ ފަހުން 2012 ވަނަ އަހަރު ބޭއްވި މުބާރާތަށް ވުރެ، މިފަހަރުގެ މުބާރާތުގެ ފެންވަރު ހުރިހާ ގޮތަކުން ރަނގަޅުވާނެ ކަމަށެވެ. އަދި އެފަހަރު ބައިވެރިވި ޓީމްތަކުގެ ތެރެއިން، މިފަހަރު ބައިވެރިވެފައި ނުވަނީ ލ. ސްޓާ އާއި އެމްއެންބީސީ އެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ގުރުލުން މިއަދު މެންދުރު ފަހު ޒުވާނުންގެ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އެފްއޭއެމްގެ ލައިފް ބޯއީ ޓާފް ދަނޑުގަ އެވެ.

މިއީ އެފްއޭއެމް އިން ބާއްވާ ދެވަނަ އަންހެން ފުޓްބޯޅަ މުބާރާތެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ 2012 ވަނަ އަހަރު އެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން އަންނަނީ ފޯރިއާ އެކު މުބާރާތަށް ތައްޔާރުވަމުންނެވެ. ރާއްޖޭގެ އަންހެނުންގެ ފުޓްބޯޅަ ތަރައްގީކޮށް ކުރިއެރުވުމަށް އެފްއޭއެމް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.