03 Jun 2014, 11:43
ރާއްޖޭގެ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލްގެ ތިން ދަރިވަރަކު ތުރުކީގައި ބޭއްވި ޑްރީމްލައިން ޕްރޮޖެކްޓް އޮލިމްޕިއާޑުން ބްރޮންޒް މެޑެލްއެއް ހޯދައިފި އެވެ.
މިދިޔަ ހަފްތާގައި ތުރުކީގައި ކުރިއަށްދިޔަ މުބާރާތުން ބްރޮންޒް މެޑެލް ހޯދީ ނުހާމް މުހައްމަދު ޝިޔާނާއި މާނިއު ހުސެއިން އަދި މުހައްމަދު އަހުސަން އަހްމަދެވެ.
މި ތިން ދަރިވަރުންނަށް ބްރޮންޒް މެޑެލްއެއް ލިބުނީ އިރުގެ ދޯދިތަކުން ޗާޖް ކުރެވޭ ގޮނޑިއެއް ހަދައިގެންނެވެ. އެ ތިން ދަރިވަރުން އެކުވެގެން ތައްޔާރުކުރި ގޮނޑި ޗާޖު ކުރުމަށް ދަބަހެއްގައި ސޯލާ ޕެނަލްއެއް ހިމެނެ އެވެ. ދަތުރުވެރިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ގޮނޑީގެ ބޭނުން ހިފުމަށްފަހު ފަށްޖަހައިލެވޭ އިރު، މި ގޮނޑީގެ ބޭނުން އެންމެ ބޮޑަށް ހިފެނީ އެއާޕޯޓުގައި ގޮނޑިއެއް ނުލިބިގެން ކޮޅަށް ތިބެން ޖެހޭ ދަތުރުވެރިންނަށެވެ.
ޑްރީމްލައިން ޕްރޮޖެކްޓްގައި ބައިވެރިވި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ތިންވަނަ ހޯދި އިރު، މި މުބާރާތުގައި 38 ގައުމަކުން 100 ޕްރޮޖެކްޓް ހުށަހަޅައިފައި ވެއެވެ.