މި މަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕުގެ ތަރިއަކަށް ވާނީ ބްރެޒިލްގެ ނޭމާ ކަމުގައި އެ ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާ ބުނެފި އެވެ.

އުމުރުން 21 އަހަރުގެ ފޯވަޑް ބާސެލޯނާގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ކާމިޔާބު ކުރެވިފައި ވަނީ ނުވަ ލަނޑެވެ. ބާސާއާ ގުޅުމަށް ފަހު، ނޭމާގެ ކުޅުމުގެ ފެންވަރަށް ވުރެ ގިނައިން މީޑިއާގައި ދެކެވެމުން ދިޔައީ އޭނާގެ ޓްރާންސްފާގައި ހުރި މައްސަލަތަކުގެ ވާހަކަތަކެވެ.

"އަހަރެމެންގެ ވަރުގަދަ ކަމަކީ ގްރޫޕެއްގެ ގޮތުގައި ނެރޭ ނަތީޖާ،" ތިއާގޯ ސިލްވާ ބުންޏެވެ. "އަހަރެމެން ޓީމެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ދައްކަން. ވޯލްޑް ކަޕުގައި ކާމިޔާބު ހޯދުމަށް އަހަރެމެން ތައްޔާރު. އަމިއްލަ ކުޅުމަށް ބަލާ އިރު، ނޭމާގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ. ވޯލްޑް ކަޕުގެ ތަރިއަކަށް ވާނީ ނޭމާ،"

ހަވަނަ ފަހަރަށް ވޯލްޑް ކަޕް ހޯދަން ނުކުންނަ ބްރެޒިލް އަކީ މި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަކޮށްލެވޭ ޓީމެކެވެ. އެ ޓީމަށް ތާރީހު އާކޮށްލެވިދާނެ ކަމަށް ތިއާގޯ ސިލްވާ ގަބޫލުކުރެ އެވެ.

"އަހަރެމެންނަށް މުބާރާތް ކާމިޔާބުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ)ގެ ކެޕްޓަން ބުންޏެވެ. "ބްރެޒިލްގެ ހުރިހާ ރައްޔިތުންނަށް އެކަންތައް ކޮށްދޭނަން. އެ ރައްޔިތުންނަށް ހާއްސަ ވަގުތުކޮޅެއް ގެނެސްދޭނަން،"