03 Jun 2014, 10:55
ވައްކަމުގެ ތަފާތު ހަތަރު މައްސަލައެއްގައި ހިމެނޭ ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ މ. ސިލްވަމައުންޓް ގެއިން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނެގި ލައްކަ އަކަށް ވުރެ ގިނަ ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެތަކެތި ހޯދާފައި ވަނީ އެ މައްސަލަ ހުށަހެޅި ދުވަހު ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދިރިއުޅެމުން ދިޔަ ގޭ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ މީހަކާއި 27 މީހެކެވެ.
އެ ދެ މީހުން ދިރިއުޅެމުން ދިޔަ ގޭތެރެއިން ފެނުނު ތަކެތީގެ ތެރޭގައި މެކްބުކް ޕްރޯ ދެ ލެޕްޓޮޕާއި އައިފޯނާއި ޕީއެސް ތިން އާއި ގިޓާ އަކާއި އައިޕޮޑާއި ފޯޓަބަލް ސްޕީކަ ފަދަ ތަކެތި ހިމެނެ އެވެ.
ވައްކަމުގެ އެ މައްސަލައިގެ އިތުރުން މެއި 25 ވަނަ ދުވަހުގެ ވަގުތެއްގައި ގ. ފިނިއާގެ ހަތަރު ވަނަ ފަންގިފިލާ އިން ވަގަށް ނެގި 40،000 ރުފިޔާ އާއި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވެސް ފުލުހުން ވަނީ ހޯދައި ވެރިފަރާތާ ހަވާލުކޮށްފަ އެވެ. ފުލުހުން ބުނީ ވަގަށް ނެގި ތަކެތި ދެ ދުވަސް ތެރޭ ހޯދައި މައްސަލައިގެ ތުހުމަތުގައި 24 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ވަގަށް ނެގި އިލެކްޓްރޯނިކް ސާމާނުގެ އިތުރުން، ވަގަށް ގެން ދިޔަ ފައިސާ އިން ގަނެފައިވާ ގިނަ އަދަދެއްގެ ފޯނުތަކެއް ވެސް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ.
މިދިޔަ މަހުގެ މެއި 20 ވަނަ ދުވަހުގެ ވަގުތެއްގައި ހ. ސަންގްރޭޒްގެ ދެވަނަ ފަންގިފިލާ އިން 10،5000 ރުފިޔާގެ ތަކެތި ވެސް ވަނީ ވަގަށް ނަގައިފަ އެވެ. އެ ތަކެތި ވެސް ވަނީ މައްސަލަ ރިޕޯޓު ކުރި ދުވަހު ހޯދައި ވެރިފަރާތާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ މައްސަލައިގެ ތުހުމަތުގައި ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފައި ވަނީ ގެއެއްގެ ސިޑި ގޮޅިދަށުގައި އިންދާ ކަމަށެވެ.
ފުލުހުން ބުނީ މެއި މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި ގ. ނެޕަލްލީފް ދެވަނަ ފަންގިފިލާގައި ހުންނަ އައިއެޗްކިއު ކޯޗިން ސެންޓަރުން ގިނަ އަދަދެއްގެ ފައިސާއާއި 43،137 ރުފިޔާގެ އަގުހުރި ހަތަރު ސީޕީޔޫ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި 23 އަހަރުގެ މީހަކު ހައްޔަރުކުރި ކަމަށެވެ. އަދި އެ ސެންޓަރުން ވަގަށް ނަގާފައިވާ ސީޕީޔޫތައް ފެނިފައި ވަނީ ކުށުގެ ވެށިންނާއި މާލެ ގެއެއްގެ ކައިރިން ކަމަށް ފުލުހުން ބުނެ އެވެ.
ވައްކަމުގެ މައްސަލަތައް މަދުވުމަށް ފަހު އަނެއްކާ ވެސް ވައްކަމުގެ މައްސަލަތައް އިތުރުވާން ފަށާފައިވާ އިރު ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ޓަކައި ޚާއްސަ މަސައްކަތްތަކެއް ފުލުހުން ވަނީ ފަށާފަ އެވެ. އެގޮތުން ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަންކަމަށް ސަމާލުކަންދީ އެފަދަ ކުށްތައް މަދުކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ވަނީ ފަށައިފަ އެވެ. މީގެ އިތުރުން ވެސް ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާތީ އާއްމު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.