ނުކުޅެދުންތެރިކަން ހުންނަ މީހުނަށާއި ކުދިނަށް އިނާޔަތުގެ ގޮތުގައި 5000 ރުފިޔާ ދިނުމަށް ރައްޔިތުން މަޖިލީހަށް އަލުން އިސްލާހެއް ހުށަހަޅައިފި އެވެ.

އެ އިސްލާހު ނިމިގެން ދިޔަ 17 ވަނަ ރައްޔިތުން މަޖިލީހަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް މަޖިލީހުގެ ދައުރު ނިމުނީ އެ ބިލްގެ މަސައްކަތް ނުކުރެވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ)އަށް އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމެވެ.

މިއަދު ހުށަހެޅުއްވި އެ ބިލް މަޖިލީހުގެ އިދާރާ އިން މިއަދު ވަނީ ބަލައިގެންފަ އެވެ.

ދެހާސް ދިހަ ވަނަ އަހަރު މަޖިލީހުން ފާސްކޮށްފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ސަރުކާރުން ދެމުންދަނީ 2000 ރުފިޔާ އެވެ.

އަނާރާ ނައީމް ސަން އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި މީހުނަށްދޭ އިނާޔަތް ބޮޑުކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެފަދަ ކުދިންގެ ބެލެނިވެރިން އެކަމަށް އެދެމުންދާތީ ކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްދޭ އިނާޔަތް ބޮޑުކުރުމަށް ބިލެއް މި ހުށަހެޅީ އެފަދަ ކުދިންގެ މައިބައިން އެކަމަށް އެދެމުންދާތީ. މިހާރު ދެމުންދާ 2000 ރުފިޔާ އިން ހަރަދުތައް ބެލެހެއްޓުމަށް ދަތިތަކެއް ހުރީމާ،" އަނާރާ ވިދާޅުވި އެވެ.

އޭގެ އިތުރުން އަނާރާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އިނާޔަތް ބޮޑުކުރުމަށް އެދި ގިނަ އަދަދެއްގެ ބެލެނިވެރިން ސޮއި ކުރައްވާފައިވާ ޕެޓިޝަނެއް ވެސް މަޖިލީހަށް ހުށަހެޅުމަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ބިލް ހުށަހަޅައިގެން ހުށަހެޅޭ ކަންކަމުގައި ޕެޓިޝަނެއް މަޖިލީހަށް ހުށަނޭޅޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައިވާތީ އެ ޕެޓިޝަން މަޖިލީހުގެ އިދާރާ އިން ބަލައިގެންފައިނުވާ ކަމަށް އަނާރާ ނައީމް ވިދާޅުވި އެވެ.