އިންޑިއާގެ ބޮޑުވަޒީރު ކަމާ ނަރެންދުރާ މޯދީ އިންތިހާބުވެ ވަޑައިގަތުމަށް ފަހު އެކުލަވާލި އާ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ރޫރަލް ޑިވެލޮޕްމަންޓް މިނިސްޓަރު، ގޮޕިނަތު މުންޑޭ ކާރު އެކްސިޑެންޓެއްގައި އަވަހާރަ ވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމަށް ނަރެންދުރާ މޯދީ އިންތިހާބުވެ ވަޑައިގަތުމަށް ފަހު އާ ސަރުކާރެއް އެކުލަވާލި މިދިޔަ ހަފްތާގަ އެވެ.

އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ، މުންދޭ އަވަހާރަވެފައި ވަނީ މިއަދު ހެނދުނު އެއާޕޯޓަށް ދިއުމުގެ މަގުމަތީގައި އެހެން ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ލިބުނު ސީރިއަސް އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި ނިއުދެއްލީގައި ހުންނަ އައިމްސް ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރު ވެސް ހޭނެތިފައިވާ ކަމަށް ވެސް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

"މިއަދު ހެނދުނު މުންޑޭ ދަތުރުކުރި ކާރު ވަނީ އެކްސިޑެންޓެއް ވެފައި. އެކްސިޑެންޓާ ގުޅިގެން އޭނާ ވަނީ ނިއުލެއްދީގެ ހޮސްޕިޓަލަކަށް ގެންގޮސްފައި. އޭނާ މަރުވެފައިވާ ކަން ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައި،" ޓްރާސްޕޯޓް މިނިސްޓަރު ނިޓިން ގަދްކަރީ ބުނެފައިވެ އެވެ.

މުންދޭ އަކީ މޮޅު ލީޑަރެއްކަމަށް ސިފަކޮށް ގަދްކަރީ ބުނެފައި ވަނީ، މުންދޭ އަވަހާރަ ވުމަކީ ބީޖޭޕީ އަށް ވެސް ލިބުނު ބޮޑު ހިތްދަތިކަމެއް ކަމަށެވެ. އަދި ފަސްދާނުލުމުގެ ކަންތައް މުންދޭގެ އުފަަން ރަށް މަހާރަޝްތާގައި ކުރިއަށްދާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ދިންލީ ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުގައި ބުނެފައި ވަނީ މުންދޭ ދުއްވި ކާރުގައި ޖެހުނު ކާރުގެ ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މުންދޭ އަވަހާރަވުމާ ގުޅިގެން މޯދީ ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ މުންދޭ އަވަހާރަވުމުން ކުއްލި ހައިރާން ކަމަކާ އެކު ފުން ހިތާމަކުރައްވާ ކަމަށެވެ. އަދި މުންދޭ އަވަހާރަވުމަކީ ސަރުކާރަށް ވެސް އަދި އިންޑިއާއަށް ވެސް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

މުންދޭ ވަނީ މަހާރަޝްތާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ކަން 1995 ވަނަ އަހަރުން 1999 ވަނަ އަހަރަށް ކުރައްވައިފަ އެވެ.