02 Jan 2011, 17:58
ރަޝިޔާގެ މަތިންދާބޯޓެއް ގޮވުމުގެ ސަބަބުން އެކަކު މަރުވެ ތިން މީހުން ގެއްލިއްޖެ އެވެ. ރަޝިޔާގެ މަސްއޫލުވެރިއަކާ ޙަވާލާދީ އެސޯސިއޭޓެޑް ޕްރެސް ބުނިގޮތުގައި ގޮވި މަތިންދާބޯޓަކީ ރަޝިޔާގެ އުތުރުގެ އެންމެ ފިނިގަދަ ސަރަޙައްދު ކަމަށްވާ ސައިބީރިޔާގެ އެއާޕޯޓަކުން ފުރަން ތައްޔާރުވަމުންދިޔަ ޓޮބްލޯވް މަރުކާގެ ފަސިންޖަރު މަތިންދާބޯޓެއް ކަމުގައެވެ. މި ބޯޓުގައިތިބި ފަސިންޖަރުންގެ ތެރެއިން 124 ފަސިންޖަރަކާއި މިބޯޓުގެ ފަޅުވެރިން ބޯޓު ގޮވުމުގެ ކުރިން ބޭރަށް ނެރެވުނު ކަމަށާއި ބޯޓުގޮވަން މެދުވެރިވި ސަބަބު ބެލުމަށްޓަކައި ތަހްޤީޤް ކުރަމުންދާ ކަމަށްވެސް ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މިދިޔަ ހަފްތާގައިވެސް ރަޝިޔާގެ ކާގޯ މަތިންދާބޯޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެފައިވެއެވެ. އެންޓަނޯފް އައި އެން 22 މަރުކާގެ މިމަތިންދާބޯޓު ވެއްޓުނީ ރަޝިޔާގެ ފޮރޮނިޝް އިން ޓައިފަރ އަށް ކާގޯ ހިފައިގެން ކުރި ދަތުރެއްގައެވެ.
ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު އުފައްދާފައިވާ ރަޝިޔާގެ މަދަނީ މަތިންދާބޯޓުތަކަށް ޓެކްނިކަލް މައްސަލަތައް ވަރަށްގިނައިން ދިމާވެއެވެ. މިއީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު އުފައްދާފައިވާ މަތިންދާބޯޓުތަކަށް އެކަށީގެންވާ ގޮތެއްގައި ސަރވިސް ނުދެވި މަރާމާތު ނުކުރެވުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.