އީރާންގެ ވެރިރަށް ތެހެރާން އަށް ހިރަފުހުގެ ވަރުގަދަ ތޫފާނެއް އެރުމުގެ ސަބަބުން މަދުވެގެން ހަތަރު މީހުން މަރުވެ ގިނަ އަދަދެއްގެ މީހުން ޒަޚަމްވެއްޖެ އެވެ.

އޭޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެ އެރި މި ތޫފާނުގެ ސަބަބުން ތެހެރާންގެ ޖައްވު އޮތީ ވިލާތަކެއް ފަދައިން ކަޅުކޮށްލައިފަ އެވެ. އަދި ބާރު ވަޔާއެކު ގިނަ އަދަދެއްގެ ގަސްތައް ވަނީ ބިމާ ހަމަވެފަ އެވެ.
ހިރަފުހުގެ މި ތޫފާން ތެހެރާން އަށް އެރީ 110 ކިލޯ މީޓަރު (68 މޭލު) ބާރުމިނުގައި ކަމަށާއި މަރުވި މީހުންގެ އަދަދަކީ ފަހެއް ކަމަށް އީރާންގެ ގައުމީ ޓީވީން ރިޕޯޓު ކުރި ނަމަވެސް، އެގައުމުގެ ރަސްމީ ނީއުސް އޭޖެންސީ (އައިއާރްއެންއޭ) އިން ބުނި ގޮތުގައި މި ތޫފާނުގައި 130 ކިލޯ މީޓަރު (80 މޭލު) ބާރުމިނުގައި ވައި ހުއްޓެވެ. އަދި މަރުވި މީހުންގެ އަދަދަކީ ހަތަރެއް ކަމަށް އެ އޭޖެންސީން ބުންޏެވެ.

އީރާންގެ ގައުމީ ޓީވީން ބުނިގޮތުގައި މި ތޫފާނުގެ ސަބަބުން ތެހެރާން އަނދިރިކަމުގެ ތެރޭގައި މިނެޓުތަކެއް ވާންދެން އޮންނާން ޖެހުނެވެ. އަދި އަނދިރިކަމުގެ ސަބަބުން ގިނަ އަދަދެއްގެ އެކްސިޑެންޓްތައް ހިނގާފައިވާ އިރު ވެހިކަލްތައް ވަނީ އެތަން މިތަނަށް ވަޔާގޮސްފަ އެވެ. އަދި ވައިގެ ދަތުރުފަތުރުތަކަށް ބުރޫ އަރައި ގިނަ އަދަދެއްގެ އިންޓަނޭޝަނަލް ފްލައިޓްތައް ކެންސަލް ކޮށްފައިވާ އިރު ޑޮމެސްޓިކް ފްލައިޓްތައް ވަނީ އެހެން ސަރަހައްދުތަކަށް ޑައިވާޓްކޮށްފަ އެވެ.
https://www.youtube.com/watch?v=nsgUdJP_m5U