03 Jun 2014, 09:50
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ސްޕެއިންގެ ތަޖުރިބާ ކާރު ފޯވާޑް ޑޭވިޑް ވިޔާ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެމެރިކާގެ ނިއުޔޯކް ސިޓީ އެފްސީއަށް ކުޅުމަށް ސޮއިކޮށްފި އެވެ.
އެމެރިކާގެ މޭޖާ ސޮކާ ލީގުގެ އެއް ވަނަ ޓީމުގެ ގޮތުގައި އޮތް ނިއުޔޯކް ސިޓީ އެފްސީ އަށް ޑޭވިޑް ވިޔާ ސޮއި ކުރުމަށް ފަހު މީޑިއާތަކަށް ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ، ފުޓްބޯޅައިގެ ކެރިއަރުގައި ތަފާތު ކްލަބްތަކަށް ކުޅުމަކީ ތަޖުރިބާއެއް ކަމަށާއި ނިއުޔޯކް ސިޓީއަށް ވެސް ބަދަލުވީ އިތުރު ތަޖުރިބާތަކެއް ހާސީލްކޮށް، އެކުލަބަށް ވެސް ރަނގަލޫ ކާމިޔާބީއެއް ހޯދާދިނުމުގެ ފުރިހަމަ އުންމީދާ އެކު ކަމަށެވެ.
ސްޕޭނުގެ ބާސެލޯނާ އާއި ވެލެންްސިއާ އަށް ވެސް ކުޅެ އެކުލަބްތަކަށް ގިނަ ކާމިޔާބީތައް ހޯދާދިން އުމުރުން 32 އަހަރުގެ ޑޭވިޑް ވިޔާ ނިއުޔޯކް ސިޓީ އަށް ބަދަލުވުމުން، އެކުލަބަށް ސަޕޯޓް ކުރާ އެމެރިކާގެ ގިނަ ރައްޔިތުންނާއި އެކުލަބުން ޑޭވިޑް ވިޔާއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި އެތްލެޓިކޯ އަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްދީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެޓީމް ގެންދިއުމުގައި މުހިންމު ރޯލް އަދާކުރި ޑޭވިޑް ވިޔާ ނިއުޔޯކް ސިޓީ އެފްސީ އަށް ބަދަލުވެފައި ވަނީ ކިހާވެއްގެ އަގެއްގައި ކަމެއް ތަފްސީލުކޮށް އެކުލަބުން ހާމަކޮށްފައިނުވެ އެވެ.
ސްޕެއިންގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް މިހާރު ވެސް އޮތީ ޑޭވިޑް ވިޔާއަތުގަ އެވެ. އެގޮތުން ވިޔާ ގައުމީ ޓީމަށް 94 މެޗު ކުޅެދީ 56 ގޯލް ޖަހާދީފައިވާ އިރު އޭނާ އަކީ 2008 ވަނަ އަހަރުގެ ޔޫރޯ އާއި 2010ގެ ވޯލްޑް ކަޕް ސްޕެއިންނަށް ކާމިޔާބު ކޮށްދިން ޓީމުގައި ވެސް ހިމެނުނު އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.
ޑޭވިޑް ވިޔާ އަކީ މި މަހުގެ 12 ވަނަ ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕަށް ގްރޫޕް ބީ ފަޅިން ނުކުންނަ ސްޕެއިންގެ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑުގައި ހިމެނޭ މުހިންމު ކުޅުންތެރިއެއް ކަމަށް ވެސް އެ ޓީމުގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނެފައިވެ އެވެ.