ސިއްހީ މަރުކަޒަށް ގެންދިޔަ މުސްކުޅި ފިރިހެނެކެވެ. ބަލިވެގެން ގެންދިޔަ އެ މީހާ ބަލި ފަސޭހަވެ އެތައް މަހެއްވި އިރު ވެސް އޮތީ އެ ސިއްހީ މަރުކަޒުގަ އެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އޭނާގެ ފިރިހެން ދަރިފުޅު އޭނާ އަނބުރާ ގެއަށް ގެންދަން ބޭނުމެއް ނުވި އެވެ. ކޮންމެ މަހަކު ވެސް ބައްޕަ އަށް ދައުލަތުން ދޭ އިނާޔަތުގެ ފައިސާ ސިއްހީ މަރުކަޒަށް ހަވާލު ކުރެ އެވެ. އެކަމަކު ބައްޕަގެ ހާލު ވެސް ބަލައި ނުލައި ދަނީ އެވެ.

އެ މުސްކުޅި މީހާ މިހާރު ހުރީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގަ އެވެ. ސިއްހީ މަރުކަޒުން ބުނި ގޮތުގައި އޭނާ އެތަނުގައި އޮއްވައި "މޮޔަވީ" އެވެ. ފަހަރުގައި އަޅާލާނެ މީހަކު ނެތި، ދަރިން ކައިރީގައި ނެތުމުން ބޯ ގޮވީ ކަމަށްވެދާނެ އެވެ.

އަޅާލާނެ މީހަކު ނެތިގެން ގުރައިދޫ މަރުކަޒުގައި 55-65 އަހަރާ ދެމެދުގެ 40 އަށް ވުރެ ގިނަ މީހުން މިހާރު ވެސް އެބަތިއްބެވެ. މި އަދަދު ކޮންމެ އަހަރަކު ދަނީ އިތުރުވަމުންނެވެ. މީގެ ތިން އަހަރު ކުރިއާ އަޅާބަލާއިރު 2012 އަދި 2013 ވަނަ އަހަރު އަޅައި ނުލައި ދޫކޮށްލައިގެން ގުރައިދޫ ސެންޓަރުން ބަލަމުން އަންނަ މުސްކުޅިންގެ އަދަދު އެވްރެޖްކޮށް 20 ޕަސެންޓް އިތުރެވެ.

"މައިގަނޑު ގޮތެއްގައި އުމުރުން ދުވަސްވީ މީހުން މަރުކަޒަށް ގެނެވެނީ އަޅާލާނެ މީހަކުނެތިގެން. ނޫން ނަމަ އާއިލާގެ މީހުން ތިބި ނަމަވެސް ނުބަލައިގެން. ނުވަތަ ބަލަން ބޭނުންނުވެގެން،" ގުރައިދޫ ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި ނައުޝާދު އަލީ ވިދާޅުވި އެވެ.

މައިންބަފައިންނާ ދުރުގައި ތިބި ނަމަވެސް ގާތުގައި ތިބި ނަމަވެސް އެމީހުންނަށް ހެޔޮކޮށް ހިތަން ބޭނުންނުވާ މީހުންގެ އެހީތެރިކަމެއް ނުލިބޭނެ އެވެ. ކ. މާފުށީގައި ދިރިއުޅޭ ހައްވައްތަ (އަސްލު ނަމެއް ނޫން) އަށް މިހާރު 70 ވަރަކަށް އަހަރުވެދާނެ އެވެ. އޭނާގެ ސީދާ އުމުރު އޭނާ އަށް ވެސް ބުނެދޭން ނޭނގެ އެވެ. މުސްކުޅިވި ދުވަހު ވެސް އާމްދަނީ ހޯދުމަށް މަސައްކަތް ކުރަންޖެހެ އެވެ. ހައްވައްތަ އަށް ލިބުނު 11 ކުދިންގެ ތެރެއިން އަށް ކުދިން ދުނިޔޭގައި ތިބިއިރު އޭނާ އަށް އަޅާލާނެ ހަމަ އެކަކު ވެސް ނުވެ އެވެ.

"އަށް ކުދިން ތިބޭ. އެގާރަ ކުދިން ލިބުނު. އޭގެން އެއްވެސް ކުއްޖަކު އަޅައެއް ނުލާ. ހުރިހާ ކުދިން ތަންތަނަށް ނުކުމެގެން ގޮސް މީހުންނާ އިނދިގެން ވިހާފައި. ދެން ހުރިހާ އެއްޗެއް މިހެން ލިބޭ އެއްޗަކުން ގަންނަނީ، ހަ ކުދިން މީހުންނާ އިނދެގެން. އަނެއް ދެކުދިން ނީންދެ. އެކުދިން ވެސް އަޅައެއް ނުލާ،" ހައްވައްތަ ކިޔައިދިނެވެ.

އުމުރުން ދުވަސްވީ މީހުންނަށް އަޅާލާ މިންވަރު ދަށްވަމުން އަންނަ ކަމަށް ސަރުކާރަށް ވެސް ވަނީ ފާހަގަވެފަ އެވެ. ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގައި މިދިޔަ އަހަރު ޖެންޑާ މިނިސްޓްރީ އިން ބުނެފައި ވަނީ ދުވަސްވީ މީހުންނަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ބައެއް ނަމަވެސް މުޖްތަމައުގެ ފަރާތުން އެފަދަ މީހުންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދޭ މިންވަރު ކުޑަވެފައިވާ ކަމަށެވެ.

"އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އެހީތެރިކަމާއި ރައްކޭތެރިކަމެއް ފޯރުކޮށްދޭން ޖެހޭއިރު، ހިތާމައަކީ އެފަދަ މީހުންނަށް މުޖުތަމައުން ދެވޭ އިހުތިރާމާއި ގަދަރު އަދި ރައްކާތެރިކަން ހީނަރުވަމުންދާ ކަމެވެ،" ޖެންޑާ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އުމުރުން ދުވަސްވީ މީހުންނަށް އަޅާލުން ކުޑަވުމަކީ މުޖްތަމައެއްގެ ގޮތުގައި އަހަރުމެން ވިސްނަންޖެހޭ ކަމެކެވެ. މިކަންތައް ބަދަލު ކުރަންޖެހެ އެވެ. މިއީ ދިވެހިންނަށް އެކަނި ދިމާވެގެން އުޅޭ މައްސަލައެއް ވެސް ނޫނެވެ. ޗައިނާގައި އެ މައްސަލަ ބޮޑުވުމުން އެމީހުން ވަނީ މައިންބަފައިންނަށް އަޅާލުން "މަޖުބޫރުކޮށް" ގާނޫނެއް ފާސްކޮށްފަ އެވެ. މައިންބަފައިންނަށް ޒިޔާރަތް ކުރުން މަޖުބޫރު ކުރުން ފަދަ މާއްދާތައް އެ ގާނޫނުގައި ހިމަނާފައިވެ އެވެ.

ރާއްޖެއަށް މިކަހަލަ ގާނޫނެއް ކިހިނެއްވާނެބާވަ އެވެ؟

"ކިހިނެތްތޯ ގަދަކަމުން މީހަކު ލައްވާ މީހަކު ބަލާނީ. އަޅުނގަޑުގެ ވިސްނުމަކީ ގާނޫނަކުން މީހަކަށް ލޯތްބެއް ކަށަވަރު ނުކޮށްދެވޭނެ. އަޅާލުމެއް ކަށަވަރު ނުކުރެވޭނެ. މިހާރު އިތުރު ގާނޫނެއް ނެތަސް މައިންބަފައިންނަށް އަޅާލުމަށް އާއިލާތަކާ ބެހޭ ގާނޫނުތަކުގައި ލާޒިމްކުރޭ. ކޯޓުން އަމުރު ވެސް ކުރޭ،" ޑެޕިއުޓީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވި އެވެ.

ޝިދާތާގެ ވިސްނުމުގައި އުމުރުން ދުވަސްވީ މީހުންނަށް ލިބެންޖެހޭ ރައްކާތެރިކަމާއި އަޅާލުން ލިބޭނީ މުޖްތަމައު ހޭލުންތެރިކޮށްގެނެވެ. ވަރަށް ބޮޑަށް މިކަމާއި ގުޅޭ މައުލޫމާތު ދީގެންނެވެ. މިނިސްޓްރީ އާއި ޖަމިއްޔާތަކާއި ކައުންސިލްތަކުން ވެސް އާންމުން ހޭލުންތެރިކުރަންވީ އެވެ.

"އަމިއްލަ ޖަމިއްޔާތަކާއި ކައުންސިލްތަކާ ގުޅިގެން އަޅުގަނޑުމެން މިނިސްޓްރީން ވަނީ ނިންމާފައި ހޭލުންތެރި ކުރުމުގެ މަސައްކަތްތަކެއް ކުރަން،" އޭނާ ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް އަޅާލާ މިންވަރު ދަށްވަމުން ދިޔަ ނަމަވެސް މުޖްތަމައުއަށް އެފަދަ ދުވަސްވީ މީހުން ކުރާ އުއްމީދު ކަނޑައެއްނުލަ އެވެ. ލޯތްބާއި އަޅާލުން ކޮންމެވެސް ދުވަހަކުން ލިބޭނެ ކަމަށް އެމީހުން އުއްމީދު ކުރެ އެވެ.

"މަރުކަޒުގެ ނުވަ ގަޑީގައި މިމަރުކަޒުންދޭ ބިސްކޯދު ފަދަ ތަކެތި އެފަދަ މީހުން އެމީހުންގެ ފޮށި ތަންމަތިތަކުގައި ވަރަށް ފަރުވާތެރިކަމާ އެކު ރައްކާކުރޭ. ހެޔޮއެދޭ ފަރާތްތަކުން ބައެއް ފަހަރަށް ހަދިޔާކުރާ ލޯޝަން ފުޅި ފަދަ ތަކެތި އެނބުރި ރަށަށް އާއިލާގާތަށް ދެވިއްޖެ ނަމަ ދިނުމަށް ރައްކާކުރޭ،" ގުރައިދޫ ސެންޓަރުން ކުރިން ވާހަކަ ދެއްކެވި ނައުޝާދު ވިދާޅުވި އެވެ.

ތަހުޒީބީ މުޖްތަމައުގައި އުމުރުން ދުވަސްވީ މީހުންނަކީ ވެސް ގައުމަށް ވަރަށް ބޭނުންތެރި ބަޔެކެވެ. އެތައް ތަރައްގީއެއް އެމީހުންގެ ފަރާތުން ވެސް ލިބެ އެވެ. އެކަމަކު އެއީ އެމީހުންނަށް ލޯތްބާއި އަޅާލުން ލިބޭ މުޖްތަމައުތަކުގައި އެކަންޏެވެ. އަހަރުމެން ވެސް ވާންވީ އެފަދަ ބަޔަކަށެވެ.