ކެޑްބެރީ ޗޮކުލެޓްގައި އޫރުގެ އެއްވެސް ބާވަތެއް އެކުލެވިގެން ނުވާ ކަމަށް މެލޭޝިއާ ސަރުކާރުގެ އިދާރާއެއް ކަމަށްވާ މެލޭޝިއަން އިސްލާމިކް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް އިން ބުނެފިއެވެ.

މެލޭޝިއާ ސަރުކާރަށް ކެޑްބެރީ ޗޮކުލޭޓުގައި އޫރުގެ ބާވަތެއް ހުރިތޯ ބަލަން މަޖުބޫރުވީ މިދިޔަ މަހު އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ހެލްތުން ކެޑްބެރީގެ “ޑެއިރީ މިލްކް ހޭޒަލްނަޓް” އަދި "ޑެއިރީ މިލްކް ރޯސްޓް އާމަންޑް” ޗޮކުލެޓްގައި އޫރުގައި ހުންނަ ދެ ބާވަތެއްގެ ޑީއެންއޭ އެއް ހުރި ކަމަށް ބުނުމުންނެވެ.

އޭގެ ފަހުން އެ ދެ ވައްތަރުގެ ޗޮކުލެޓްގައި އޫރުގެ އެއްވެސް ބާވަތެއް ނެތްކަން ކަށަވަރުކޮށްދީ މެލޭޝިއަން އިސްލާމިކް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް އިން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާން ނެރިފައި ވަނީ ޝައްކު ކުރެވޭ ދެ ވައްތަރުގެ ޗޮކޮލެޓުން 11 ސާމްޕަލް އެއް ނަގައި ޓެސްޓް ކުރުމަށް ފަހުގައި ކަމަށް އެ ޑިޕާޓްމަންޓް އިން ބުންޏެވެ.

ކެޑްބެރީ ޗޮކްލެޓާ މެދު ޝައްކު އުފެދުމުން މެލޭޝިއަން އިސްލާމިކް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް އިން ވަނީ ކެޑްބެރީގެ އުފެއްދުންތަކަށް ދޫކޮށްފައި އޮތް “ހަލާލް” ސެޓިފިކެޓް އަތުލާފައެވެ. އަދި “ހަލާލް” ސެޓްފިކެޓް އަނބުރައި ލިބެނީ އެ ޑިޕާޓްމަންޓްގެ އޮފިޝަލުން ކެޑްބެރީގެ ކާރުހާނާތަކަށް ގޮސް އިތުރު ޓެސްޓްތައް ހެދުމަށްފަހުގައި ކަމަށް މެލޭޝިއަން އިސްލާމިކް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް އިން ވަނީ ބުނެފައެވެ.

މެލޭޝިއާގެ މިނިސްޓްރީ އޮފް ހެލްތުން ހެދި ޓެސްޓްތަކަށް ސާމްޕަލް ލިބިފައިވަނީ ސާމްޕަލްތައް ކާރުހާނާއިން ނެރެގެން އެހެން ތަންތަނަށްވެސް ގެންދެވުމަށް ފަހުގައި ކަމަށާއި، އޭގެ ސަބަބުން ސާމްޕަލް ތަކުގެ ސައްހަކަން ގެއްލޭ ފަދަ ގޮތަކަށް “ކޮންޓެމިނޭޓް” ވެފައިވުން އެކަށީގެންވާ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ކެޑްބެރީގެ ޗޮކުލެޓްގައި އޫރުގެ ބާވަތެއް ހުރިކަން ޝައްކު ކުރެވުމުން ޝައްކު ކުރެވުނު ހުރިހާ ޗޮކުލެޓެއް އަނބުރައި ގެންގޮސްފައިވާ ކަމަށް ކެޑްބެރީގެ މެލޭޝިޔާ ކާރުހާނާއިން ވަނީ ބުނެފައެވެ. އަދި ކެޑްބެރީ އިން ވަނީ އެމީހުންގެ ޗޮކުލެޓްގައި އޫރުގެ އެއްވެސް ބާވަތަކުން އުފައްދާފައިވާ “އިންގްރީޑިއަންޓް” އެއް ބޭނުންކޮށްފައި ނުވާނެކަމަށް ބުނެފައެވެ. އަދި ކެޑްބެރީގެ މެލޭޝިއާ ކާރުހާނާގައި ޗޮކޮލެޓް އުފައްދަމުން އައީ “ހަލާލް” ސެޓްފިކެޓް އެއްގެ ދަށުންކަން ކެޑްބެރީ އިން ވަނީ ފާހަގަކޮށްފައެވެ.

މެލޭޝިއާގެ މިނިސްޓްރީ އޮފް ހެލްތުން ކެޑްބެރީ ޗޮކުލެޓްގައި އޫރުގެ ޑީއެން އޭ ހުރި ކަމަށް ބުނުމުން މެލޭޝިއާގެ އިސްލާމީ ޖަމާއަތްތަކުން ވަނީ ނުރުހުން ފާޅުކޮށް، ކެޑްބެރީގެ އުފެއްދުންތައް ގަތުން ހުއްޓާލައި، އެކުންފުނީގެ ބާވަތްތައް ބޯއިކޮޓް ކުރުމަށް ގޮވާލާފައެވެ.

އެއަށްފަހު ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ އާބާދީ އޮންނަ އިންޑޮނީޝިއާ އިންވެސް ވަނީ ކެޑްބެރީގެ ޗޮކޮލެޓްތައް ޓެސްޓްކުރަން ފަށާފައެވެ. އިންޑޮނީޝިއާގެ ފުޑް އެންޑް ޑްރަގް މޮނިޓަރިން އޭޖެންސީ އިން ކެޑްބެރީގެ 10 ވައްތަރެއްގެ އުފެއްދުމަކުން ލެބޯޓްރީ ތަހުލީލުތައް ކުރަމުން އަންނަ ކަމަށް އެ އޭޖެންސީގެ ވެރިޔާ ރޯއީ ސްޕާރިންގާ ބުންޏެވެ.

ކެޑްބެރީ އިންޑޮނީޝިއާ ގެ އެއްވެސް އުފެއްދުމެއްގައި އޫރުގެ އެއްވެސް ބާވަތެއް ނުހުންނާނެ ކަމަށާއި، އެ ކުންފުނީގެ ކާރުހާނާތައް މަސައްކަތްކުރަނީ “ހަލާލް” ސެޓިފިކެޓްގެ ދަށުން ކަމަށް ދާދި ފަހުން ކެޑްބެރީ އިންޑޮނީޝިޔާއިން ނެރުނު ބަޔާނެއްގައި ވެސް ވަނީ ބުނެފައެވެ.