03 Jun 2014, 09:20
ރާމަﷲ (ޖޫން 3): ހަމާސް ޖަމާއަތާއި ފަތްހު ޖަމާއަތް ގުޅިގެން ފަލަސްތީނުގައި އެކުލަވާލި ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރު ބަލައިގަނެ އެސަރުކާރާ މުޢާމަލާތް ކުރުމަށް އެމެރިކާ ނިންމި ނިންމުމަށް ފަލަސްތީނުން މަރްހަބާ ކިޔައިފި އެވެ.
ފަލަސްތީނުގެ ރިޔާސީ ތަރްޖަމާން ނަބީލް އަބޫރުދައިނާ ވިދާޅުވީ އެމެރިކާގެ މިނިންމުމަކީ އިސްރާއީލަށް ލިބުނު ވަރުގަދަ ފިލާވަޅެއް ކަމަށާއި މިކަމުން އިބްރަތް ހާސިލްކޮށްގެން ދުނިޔެ އަށް ބަދަލުތައް އަންނަމުންދާ ގޮތަށް އެމެރިކާގެ ސިޔާސަތުތަކަށް ވެސް ބަދަލުތައް އަންނަމުންދާނެކަން އިސްރާއީލުން ގަބޫލުކުރަން ޖެހިފައިވާ ކަމުގަ އެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ޖީން ސެކީ ވިދާޅުވީ އެމެރިކާ އިން ފަލަސްތީނުގެ އައު ސަރުކާރު ބަލައިގަންނަ ކަމަށާއި އެ ސަރުކާރާ މުޢާމަލާތްތައް ވެސް ކުރަމުން ގެންދާނެ ކަމުގަ އެވެ. އަދި ކުރީއްސުރެ ފަލަސްތީނަށް ދެމުންގެންދާ އިގްތިސާދީ އެހީތައް އައު ސަރުކާރު މެދުވެރިކޮށް ދެމުންގެންދާނެ ކަމަށާއި ނަމަވެސް އައު ސަރުކާރުގެ އަމަލުތައް ހުންނަގޮތާއި ސިޔާސަތުތައް ބައްޓަންކުރާގޮތް ވަރަށްގާތުން ބަލަމުން ގެންދާނެ ކަމަށް ޖީން ސެކީ ވިދާޅުވި އެވެ.
ޔޫރަޕްގެ އިއްތިޙާދުން ވެސް ފަލަސްތީނުގެ އައު ސަރުކާރާ މުއާމަލާތް ކުރުމަށް ނިންމާފަ އެވެ. އިސްރާއީލުން ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލުގެ އިސްތިއްމާރާ އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުރާ ޙަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކޮށް ޙަމާސްބައިވެރިވެގެން އުފައްދާ ފަލަސްތީނުގެ އެއްވެސް ސަރުކާރަކާ މުއާމަލާތް ނުކުރާނެ ކަމަށާ އަދި ޙަމާސްއާ ގުޅިގެން ފަލަސްތީނުގައި ސަރުކާރެއް އެކުލަވާލި މައްސަލާގައި ފަލަސްތީނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
މީގެ އިތުރުން ފަލަސްތީނުގައި އަލަށް އުފެއްދި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު ގަބޫލު ނުކުރުމަށާއި އެސަރުކާރާ މުއާމަލާތް ނުކުރުމަށް އިސްރާއީލުން ވަނީ އެމެރިކާ އަށާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ގޮވާލާފަ އެވެ. ފަލަސްތީނުގައި އެކުލަވާލި ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ބޮޑުވަޒީރާއި ކެބިނެޓް މެންބަރުން، ރައީސް މަހްމޫދު އައްބާސްގެ ކުރިފުޅުމަތީގައި އިއްޔެ ވަނީ މަގާމުގެ ގާނޫނީ ހުވާކުރައްވާފަ އެވެ.
ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު އައްބާސް ވިދާޅުވީ ޙަމާސްޖަމާއަތާ ގުޅިގެން ފަލަސްތީނުގައި އެކުލަވާލި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު އިސްރާއީލުން ގަބޫލުނުކުރި ނަމަވެސް އެސަރުކާރު ދެމިއޮންނާނެ ކަމަށާއި އިސްރާއީލަށް އެސަރުކާރު އުވާނުލެވޭނެ ކަމުގަ އެވެ. އަދި ދުނިޔޭގެ ގައުމުތަކުން އެސަރުކާރު ބަލައިގަނެ މުއާމަލާތްތައް ކުރަމުންގެންދާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
ފަލަސްތީނުގައި އަލަށް އެކުލަވާލި ސަރުކާރުގެ ބޮޑުވަޒީރަކީ ކުރީގެ ސަރުކާރުގެ ވެސް ބޮޑުވަޒީރު ޑރ. ރާމީ ހަމްދުﷲ. އިއްޔެ ހުވާކުރި އައު ސަރުކާރުގެ ކެބިނެޓް އެކުލެވިގެން ވަނީ 16 ވަޒީރުންގެ މައްޗަށެވެ. މިހުރިހާ ބޭފުޅުންނަކީ ވެސް ފަންނީ ޓެކްނޮކްރޭޓުނެވެ. ފަލަސްތީނުގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު ވުޖޫދަށް އައިސްފައި މިވަނީ ފަލަސްތީނުގެ އެންމެ ބޮޑު ދެ ޖަމާއަތް ކަމަށްވާ ޙަމާސް ޖަމާއަތާ ފަހްތު ޖަމާއަތާދެމެދު އޮތް ނުތަނަވަސްކަން ނައްތާލުމަށް މިދިޔަ މަހު އެއްބަސްވި އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މިއެއްބަސްވުން ވުޖޫދަށް އައިސްފައި ވަނީ ރައީސް މަހްމޫދު ޢައްބާސްގެ ސަރުކާރުން އިސްރާއީލާ އެކު ދައްކަމުންގެންދިޔަ ސުލްހައިގެ ވާހަކަތައް މުޅިން ނާކާމިޔާބުވެ އިސްރާއީލާ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަކީ ވަގުތު ނަގާލުމުގެ އަމަލެއްކަން އައްބާސް އަށް ވިސްނި ވަޑައިގަންނަވާ ހިސާބަށް އިސްރާއީލުގެ ހަރުކަށިކަން ކުރިޔަށް ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. (ނޫސްއެޖެންސީތައް)