03 Jun 2014, 09:11
މެޑްރިޑް (ޖޫން 3) : ސްޕޭންގެ ރަސްގެފާނު ޚުވާން ކާލޮސް، އޭނާގެ ރަސްކަމުގެ ބާރުތައް ދަރިކަލުން އުމުރުން 45 އަހަރުގެ ފިލިޕޭ އާ ހަވާލުކުރެއްވުމަށް ފަހު ރަސްކަމުން ދުރުވެވަޑައިގަތުމަށް ނިންމަވައިފި އެވެ. މިކަން އިއުލާން ކުރައްވަމުން އެގައުމުގެ ބޮޑުވަޒީރު މަރިޔާނޯ ރަޚޯއި ވިދާޅުވީ ރަސްކަމުގެ ބާރުތައް ރަސްގެފާނުގެ ދަރިކަލުން އަދި ވަލީއުލްއަހްދު ފިލިޕޭ އާ ހަވާލުކުރުމުގެ ކަންތައް ކުރިޔަށްދާ ކަމުގަ އެވެ.
އުމުރުފުޅުން 76 އަހަރުގެ ޚުވާން ކާލޮސް، ސްޕޭންގައި ވެރިކަން ކުރައްވަމުން ގެންދަވަނީ 1975 ން ފެށިގެންނެވެ. އެއީ ސްޕޭންގައި ޢަސްކަރީ ޚުދުމުޚްތާރު ވެރިކަމެއް ކުރެއްވި މަޝްހޫރު ޑިކްޓޭޓާ، ޖެނެރަލް ފްރަންސިސްކޯ ފްރަންކޯ 1975 ވަނަ އަހަރު އަވަހާރަވުމަށްފަހުގަ އެވެ. ޖެނެރަލް ފްރަންކޯ އަވަހާރަ ވުމަށް ފަހު ސްޕޭން ވަނީ ބަރުލަމާނީ ޑިމޮކްރަސީ އަކަށް ބަދަލުވެފަ އެވެ. އެހެންކަމުން ފާއިތުވި 40 އަހަރު ތެރޭގައި ޚުވާންކާލޮސް ސްޕޭންގައި ވެރިކަން ކުރައްވާފައި ވަނީ (ދަސްތޫރީ ރަސްކަމެއްގެ ތެރެއިން ލިބިވަޑައިގެންފައިވާ ރަމްޒީ ބާރުތަކަކާ އެކު)ދައުލަތުގެ އެންމެ އިސްވެރިޔާ ހައިސިއްޔަތުންނެވެ.
ސްޕޭންގެ ވެރިކަމުގެ ބާރުތައް އޮންނަނީ ބަރުލަމާނީ އުސޫލުން ބޮޑުވަޒީރާއި އޭނާގެ ކެބިނެޓްގެ އަތްމަތީގަ އެވެ. ސްޕޭންގެ ރަސްގެފާނުގެ ހައިސިއްޔަތުން އޭނާއަކީ ވެރިކަމުގެ ބާރުތައް ވަރަށް ބޮޑަށް ކުޑަކޮށްލެވިފައިވާ ޝަރަފުވެރި މަގާމެއްގައި ހުންނަވާ ބޭފުޅެކެވެ. ޚުވާންކާލޮސް އަކީ ސްޕޭންގެ ރައްޔިތުންގެ އިހްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނަމަވެސް އޭނާގެ ދަރިކަނބަލުން ކްރިސްޓީނާއާއި އެކަމަނާގެ ފިރިކަލުންގެ ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން ޚުވާން ކާލޮސްއާއި އޭނާގެ އާއިލާގެ ނަމަށް ވަނީ ކިލަނބުކަމެއް އައިސްފަ އެވެ.
މީގެ އިތުރުން ފާއިތުވި ހައެއްކަ އަހަރަކީ ސްޕޭންގެ ފަހުގެތާރީޚުގައި އެގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ އަދި މާލީ ހީނަރުކަން ވެސް ކުރިމަތިވެގެން ދިޔަ ދުވަސްވަރުކަމުން މިކަމުގެ ނޭދެވޭ އަސަރާއި މަލާމާތް ވެސް ޚުވާން ކާލޮސްއާއި އޭނާގެ އާއިލާ (ޝާހީ އާއިލާ) އަށް ވަނީ ރައްދުވެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސްޕޭންގެ ރަސްގެފާނު ޚުވާން ކާލޮސް، އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އެވެ. ރަސްކަމުގެ ބާރުތައް ދަރިކަލުން ފިލިޕޭ އާ ހަވާލުކުރެއްވުމަށް ނިންމެވީ ވެސް މިކަމުގެ ސަބަބުން ކަމަށް ވެ އެވެ. (ރޮއިޓާސް)