ރާއްޖޭގައި ފަގީރުކަން ނައްތާލައި އާމްދަނީ އިތުރުކުރުމަށް އޮތް އެންމެ ހަލުވި މަގަކީ ގެސްޓް ހައުސްގެ ސިޔާސަތު ފުޅާ ދާއިރާއެއްގައި ހިންގުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބޭރުގެ ބައެއް ގައުމުތަކުގެ މަތީ ފެންވަރުގެ ޑިޕްލޮމެޓުންނާއި އަދި ބައެއް ޖަމާއަތްތަކުގެ ވެރިންނާ ސްރީލަންކާގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ގެސްޓް ހައުސްގެ ސިޔާސަތު ފުޅާ ދާއިރާއެއްގައި ހިންގަންޖެހޭ ކަން ފާހަގަކުރައްވައި އެކަމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ނަޝީދު މައުލޫމާތު ހިއްސާކުރެއްވި ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި އަދި އެނޫން ވެސް ބައެއް މައްސަލަތަކުގެ މައުލޫމާތު ބޭރުގެ ފަރާތްތަކަށް އެމަނިކުފާނު ހިއްސާކުރެއްވިކަމަށެވެ.

އެ ބައްދަލުކުރެއްވުންތަކުގައި ދެފަރާތުގެ މެދުގައި މައުލޫމާތު ހިއްސާކުރެއްވި މައްސަލަތަކުގެ ތެރޭގައި، ދިވެހިން ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކަށް ގޮސް ދީނުގެ ނަމުގައި ނުރައްކާތެރި އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ، އަމިއްލައަށް މަރުވަމުންދާ މައްސަލަ ހިމެނޭ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ، އިއްތިހާދު ހަދައިގެން ގާއިމުވި ސަރުކާރު މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިހާރު ރޫޅިގެން ގޮސްފައިވާކަމަށް ރައީސް ނަޝީދު އެބޭފުޅުންނަށް މައުލޫމާތު ހިއްސާކުރެއްވި ކަމަށެވެ. އަދި ސަރުކާރުގެ މަގުބޫލުކަން ގެއްލި ގޮސްފައިވާކަމަށާއި މިހާރު މަދު މީސްކޮޅެއްގެ ރުހުމާއެކު ގިނަ ރައްޔިތުންގެ މައްޗަށް ސަރުކާރުން ވެރިކަންކުރަމުންދާކަމަށް ވިދާޅުވެ އެކަމުގެ މައުލޫމާތު ރައީސް ނަޝީދު ބޭރުގެ ފަރާތްތަކަށް ހިއްސާ ކުރެއްވި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ ބޭރުގެ ފަރާތްތަކާ ބައްދަލުކުރައްވައި އެފަދަ ވާހަކަތަކެއް ރައީސް ނަޝީދު ދައްކަވާފައި ވަނީ ސަރުކާރުގެ އަގުވައްޓާލައި ސަރުކާރާ މެދު ނުބައި ތަސައްވުރެއް އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.

މުއާޒު ވިދާޅުވީ ރައީސް ނަޝީދަކީ ރައްޔިތުންގެ މަގުބޫލުކަން ގެއްލިފައިވާ ބޭފުޅެއް ކަމަށާއި ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތްތައް ބޭރުގެ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން މާލެއާ ހުޅުމާލެ ދެމެދު ބްރިޖު އެޅުން ފަދަ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ގާނޫނު އަސާސީން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިދިކޮޅު ފަރާތްތަކަށް ލިބިގެންވާ ކަމަށާއި އެކަމަށް ސަރުކާރުން އެއްވެސްގޮތަކަށް ހުރަސްނާޅާނެ ކަމަށެވެ.

ރައީސް ނަޝީދު މިއަދު ބައްދަލުކުރެއްވި ބޭފުޅުންގެތެރޭގައި އެމެރިކާގެ ސަފީރު މިޝޭލް ޖޭ ސިސޮން އާއި، އިނގިރޭސި ހައިކޮމިޝަނަރު ޖޯން ރޭންކިން އާއި، އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު ރޯބިން މިޔޫޑީ އާއި، ފަރަންސޭސި ސަފީރު ޒޯން ޕޯލް މޮންޝައު ގެ އިތުރުން އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ ކަންޓްރީ މެނޭޖަރު އެޑަމް ސެކް ހިމެނިވަޑައިގަންނަވާ ކަމަށް އެމްޑީޕީން ބުންޏެވެ.