މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބު ކުރުމަށް ދެވަނަ ފަހަރަށް ބޭއްވި ބައްދަލުވުމުގައި މިރޭ މެންބަރުން ހުށަހެޅި މައްސަލަތަކާ ގުޅިގެން، އެންމެ ފަހުން އިންތިހާބު އަނެއްކާ ވެސް ފަސްކޮށްފި އެވެ.

މިދިޔަ އަހަރު ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ އެމްޖޭއޭއިން ބޭއްވި ބައްދަލުވުން ވަނީ މެންބަރުން ހުށައެޅި މައްސަލަތަކާ ގުޅިގެން ފަސްކޮށްފައެވެ.

އެމްޖޭއޭގެ ހިންގާ ކޮމެޓީއަށް ހަ މެންބަރުން އިންތިހާބު ކުރުމަށް މިރޭ ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި ބޭއްވި ޖަލްސާގައި ފުރަތަމަ މައްސަލައެއްގެ ގޮތުގައި މެންބަރުން ނެގީ 9:00 ގެ ފަހުން ޖަލްސާ ބޭއްވި ހޯލަށް ހާޒިރުވި ފަރާތްތަކަށް ވޯޓްގައި ބައިވެރިނުވެވޭ މައްސަލައެވެ. އެކަމުގައި ނިންމީ އާންމު މެމްބަރުންގެ ވޯޓަކަށް ދިއުމަށެވެ. އަދި އަތް އުފުލައިގެން ނެގި އެ ވޯޓްގައި ނިންމީ ގަޑިޖެހިގެން އައި މެމްބަރުންނަށް ޖަލްސާގައި ބައިވެރި ވުމުގެ ފުރުސަތު ދިނުމަށެވެ.

އެއަށް ފަހު މެމްބަރުންގެ ހިޔާލު ތަފާތުވުންތައް އުފެދިގެންދިޔައީ ވޯޓް ނަގާނީ ސިއްރުންތޯ ނުވަތަ ނޫންތޯއެވެ.

އިދާރީ މޭޒުން އެކަމުގައި ބުނެފައި ވަނީ މީގެ ކުރިން ވެސް އެމްޖޭއޭގެ އިންތިހާބުތަކުގައި ވޯޓު ނަގާފައި ވަނީ، އަތް އުފުލައިގެން ކަމަށާއި އަދި އަސާސީ ގަވާއިދުގައި ވޯޓު ނަގަން އޮންނަ އުސޫލަކީ ވެސް އަތް އުފުލައިގެން ވޯޓު ނެގުން ކަމަށާއި މިރޭ ވެސް އެގޮތަށް ވޯޓުލުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ނަމަވެސް ބައެއް މެންބަރުން ވިދާޅުވީ، އެމްޖޭއޭގެ ހިންގާ ކޮމެޓީ އިންތިހާބު ކުރަން ވޯޓު ނަގާނެ ގޮތް އަސާސީ ގަވާއިދުގައި ބުނެފައި ނެތް ކަމަށެވެ. އަސާސީ ގަވާއިދުގައި ލިޔެފައި ނެތް ކަމަކަށް ވޯޓަށް އަހައިގެން ނުވާނެ ކަމަށް ބައެއް އާންމު މެމްބަރުން ވިދާޅުވާން ފެށުމުން ޖަލްސާ ހޫނުވި އެވެ.

އެ މައްސަލާގައި މެމްބަރުންނާއި އިދާރީ މޭޒުގައި ތިއްބެވި ބޭފުޅުންނާއި ދެމެދު ހިޔާލުތަފާތުވުން އުފެދި، ޖަލްސާ ހުއްޓާލި އެއް ގަޑިއިރުގެ ހޫނު ބަހުސަކަށް ފަހު އެވެ.

އެމްޖޭއޭގެ އިންތިހާބަށް ހުޅުވާލާފައިވާ މަގާމުތަކަކީ އެ ޖަމިއްޔާގެ ރައީސްގެ މަގާމާއި ނައިބު ރައީސް ކަމުގެ މަގާމާއި ސެކަރެޓަރީގެ މަގާމާއި ހަޒާންދާރުގެ މަގާމުގެ އިތުރުން އާންމު މެންބަރުންގެ ތެރެއިން ހިންގާ ކޮމެޓީގައި އިންނަވާ ދެ މެންބަރުންގެ މަގާމެވެ.