02 Jun 2014, 20:57
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އަލިކިލޭގެފާނުމަގު ސިޓީ ޕާކް ކައިރީ ހުންނަ ސަލާހުއްދީން މިސްކިތުން ނަމާދު ކުރުމަށްފަހު ފޭބި މީހެއްގެ ގައިގާ ސައިލުން ޖެއްސުމުން އެމީހާ މަރުވި މައްސަލައާ ގުޅިގެން ފިލައިގެން އުޅެނިކޮށް ސައިކަލް ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.
ނ. ވެލިދޫ، މުނިޔާވިލާ، އަބްދުﷲ އަޒީޒް، 60، މަރުވެފައި ވަނީ އޭނާ މަގު ހުރަސްކުރަނިކޮށް ސައިކަލުން ޖެހި ހިނގި އެކްސިޑެންޓުގައި ލިބުނު ސީރިއަސް އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ލަންކާގެ ހޮސްޕިޓަލަކަށް ގެންދިޔުމުގެ މަގުމަތީގަ އެވެ.
ފުލުހުން ބުނީ އާއްމު ރައްޔިތުންގެ އެހީތެރިކަމާއެކު ކުރި މަސައްކަތުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ކަމަށާއި އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 29 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ އެމީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދެފަހަރެއްގެ މަތިން އިއުލާންކޮށްފައިވާ ކަމަށެވެ.
އެމީހާ ހޯދުމަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.