އަނެއްކާވެސް އެހެން ރިޕޯޓެކެވެ. މިފަހަރުގެ ރިޕޯޓް ނެރެފައިވަނީ އޮންލައިން މަސްރަޙު ދިރާސާކުރާ 'ޑިމޮކްރަސީ ޔޫކޭ' އިންނެވެ. މިއަދު ހެނދުނު ޢާންމުކުރި މި ރިޕޯޓުގައި މައިގަނޑުގޮތެއްގައި ބަލާލައިފައިވަނީ ކޮންމެ ވިހި މިނެޓެއްތެރޭ ފޭސްބުކުގައި ހިނގާ ކަންކަމުގެ މައްޗަށެވެ.


އެގޮތުން ކޮންމެ ވިހި މިނިޓެއް ފާއިތުވެގެން ދާއިރު އެވްރެޖްކޮށް ފޭސްބުކްގައި އެއް މިލިޔަން ލިންކު 'ޙިއްސާ' ކުރެވެއެވެ. 1.32 މިލިއަން ފޮޓޯގައި 'ޓެގް' ކުރެވެއެވެ. 1.48 މިލިއަން 'އިވެންޓްސް' އަށް ދަޢުވަތު ދެވެއެވެ. ގާތްގަނޑަކަށް 1.59 މިލިއަން 'ޕޯސްޓް' ފޭސްބުކް ފާރުތަކުގައި ލިޔެވެއެވެ. މީގެ އިތުރުން 1.85 މިލިއަނަށް ވުރެގިނަ 'ސްޓެޓަސް' އަޕްޑޭޓް ކުރެވޭއިރު އެކުވެރިން ހޯދުމަށް 1.97 މިލިއަނަށްވުރެ ގިނަ ދަޢުވަތު ފޮނުވެއެވެ. އަޕްލޯޑްކުރެވޭ ފޮޓޯގެ ޢަދަދު 2.72 މިލިއަނަށްވުރެ މައްޗަށް އަރައެވެ. އަދި ފޭސްބުކް ބޭނުންކުރާ މީހުންގެ މެދުގައި ބަދަލުކުރެވޭ މެސެޖުތަކުގެ ޢަދަދު އުޅެނީ 4.63 މިލިއަނަށްވުރެ މަތީގައެވެ. ކުރިންވެސް ދެންނެވި ފަދައިން މިއީ އެންމެ ވިހި މިނިޓްތެރޭ ހިނގާހައި ކަންކަމެވެ.


ރިޕޯޓުގެ އެހެނިހެން ދިމަދިމާއަށް ބަލައިލާއިރު ފޭސްބުކުގައި އެންމެ ގިނަބަޔަކު 'ގަޔާވެފައިވާ' މަޝްހޫރު މީހުންގެ ލިސްޓު ފާހަގަކޮށްލެވެއެވެ. 24,712,169 'ލައިކްސް' އާއިއެކު ލޭޑީ ގާގާ އެއްވަނައިގައި އޮތް އިރު 23,729,700 'ލައިކްސް' ލިބިގެން ދެވަނައިގައި އޮތީ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އެމިނެމް އެވެ. ތިންވަނައިގައި، 19,575,080 'ލައިކްސް' އާއިއެކު އެމެރިކާގެ މަޝްހޫރު އެކްޓްރެސް އަދި ސުޕަމޮޑެލް މޭގަން ފޮކްސް އެވެ. މީގެ އިތުރުން ބަރަކް އޮބާމާއާއި ބޮބް މާލީ ފަދަ މަޝްހޫރު ފަރާތްތަށް ވަނީ ލިސްޓުން ޖާގަ ހޯދައިފައެވެ.


ދެން އެންމެ ފާހަގަކޮށްލެވުނު ބަޔަކީ 2010 ވަނަ އަހަރު ފޭސްބުކް ބޭނުންކޮށްފައިވާ މީހުންގެ 'ޒާތީ ގުޅުުން' ތަކާއި ބެހޭ ތަފާސްހިސާބުތަކެވެ. މިގޮތުން 43,869,800 މީހަކު 'ރިލޭޝަންޝިޕް ސްޓެޓަސް' ' ސިންގަލް' އަށް ބަދަލުކޮށްފައިވާއިރު 3,025,791 މީހުން 'އިޓްސް ކޮމްޕްލިކޭޓެޑް' އަދި 28,460,516 މީހުން 'އިން އަ ރިލޭޝަންޝިޕް' ވަނީ ޚިޔާރުކޮށްފައެވެ. 5,974,574 ފަރާތަކުން 'އެންގޭޖް' ވެފައިވާއިރު 36,774,801 ފަރާތުން އެފަރާތްތަކުގެ 'ރިލޭޝަންޝިޕް' ގައި ބުނެފައިވަނީ 'ޒަވާޖީ ޙަޔާތެއް' ފަށައިގެން އުޅޭކަމަށެވެ.


ހަމައެކަނި މި ޢަދަދުތަކަށް ބަލައިލުމުންވެސް ދޭހަވާ އެއްކަމެއް އެބައޮތެވެ. އެއީ މިއަދުގެ ޖީލު އޮންލައިން ވެށީގެ ޢިޖުތިމާޢީ ވިއުގައާއި ދޯޅުވެފައިވާ މިންވަރެވެ. މިއަދު ގިނަބަޔަކު އުޅެމުންދަނީ ދެ ދުނިޔެއެއްގައެވެ. އެއީ އަހަރެމެންގެ ޢާންމު ދިރިއުޅުން ވޭތުކުރަމުން މިދާ ދުނިޔެއާއި، އޮންލައިން އިޖުތިމާޢީ ވިއުގަތަކުން ގުޅި ގަތައިލެވިފައިވާ ވާޗުއަލް ދުނިޔެއެވެ.