02 Jun 2014, 19:10
މަޖިލީހުގެ އެންމެ ގިނަ ގޮނޑިތައް ކޮންޓްރޯލް ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކަށް ލިބިވަޑައިގަތުމުން، މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން އޭނާއަށް ލިބިވަޑައިގެންފި އެވެ.
މަޖިލީހުގައި 38 ގޮނޑީގެ އަގުލަބިއްޔަތާއެކު، އެންމެ ގިނަ ގޮނޑި ގާނޫނު ހަދާ މަޖިލީހުގައި މިހާރު ކޮންޓްރޯލް ކުރަނީ ސަރުކާރު ހިންގާ ޕީޕީއެމުންނެވެ. މެޖޯރިޓީ ލީޑަރުކަން ނިހާނަށް ލިބިވަޑައިގަތުމުން، މަޖިލީހުގެ މުހިންމު ނިންމުންތައް ނިންމުމުގެ ބާރު ނިހާނަށް ލިބިވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްޕުޅު ކުރެއްވުމަށް ހާއްސަ ކޮޓަރި ކޮޅެއް ވެސް އެމަނިކުފާނަށް ހާއްސަ ކުރެވޭނެ އެވެ.
މިއަދު ހަވީރު ސްޓެކްލޯ ސެމިނާ ރޫމްގައި ބޭއްވި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ބައްދަލުވުގައި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ކަމަށް ނިހާން އިންތިހާބުވެޑައިގެންފައި ވަނީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފާ ވާދަކުރައްވައިގެންނެވެ. މިއަދު ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި މެންބަރުންގެ ތެރެއިން 21 މެންބަރުން ނިހާނަށް ވޯޓު ދެއްވާފައިވާއިރު އަލީ އާރިފަށް ވޯޓު ދެއްވާފައި ވަނީ 14 މެންބަރުންނެވެ.
ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އިންތިހާބުވެވަޑައިގެންނެވީ 26 މެންބަރުންގެ ވޯޓުންނެވެ. އޭނައާ ވާދަކުރެއްވެވި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަށް ލިބިވަޑައިގެންނެވީ ހަތަރު ވޯޓެވެ. އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ވެސް ލިބިވަޑައިގެންނެވީ ހަތަރު ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ރިޔާސަތު ބެލެހައްޓެވި އެ ބައްދަލުވުމުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު ވޯޓަކުންނެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނެފައިވާ ގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އިންތިހާބުވެވަޑައިގަންނަވާނީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ ފެންވަރުގަ އެވެ.
ޖުމްލަ 38 މެންބަރުން ހިމެނޭ ޕީޕީއެމް ޕާލަމެންޓް ގުރޫޕްގެ މިއަދު އޮތް ބައްދަލުވުމުގައި ތިން މެންބަރަކު ބައިވެރިވަޑައިއެއް ނުގަންނަވައެވެ. އެ ޕާޓީން ބުނީ އެ މެންބަރުން ތިއްބެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ.