02 Jun 2014, 18:46
އޭސީ މިލާނުގެ ކެޕްޓަން ރިކާޑޯ މޮންޓޮލީވޯގެ ފައި ބިންދައިގެން ދިއުމުން މިއަދު އޮޕަރޭޝަން ކުރާނެ ކަމުގައި އެ ކްލަބުން ކަށަވަރު ކޮށްދީފި އެވެ.
މޮންޓޮލީވޯގެ ފަޔަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު އަޔަލޭންޑާ ދެކޮޅަށް އިޓަލީ ކުޅެ، އެއްވަރުވި މެޗުގައެވެ. އުމުރުން 29 އަހަރުގެ މިޑްފީލްޑަރަށް އަނިޔާވީ ވޯލްޑް ކަޕް ފެށެން ދެ ހަފްތާއަށް ވުރެ ކުޑަތަން ވެފައި ވަނިކޮށެވެ. މި އަނިޔާއާ ގުޅިގެން ވޯލްޑް ކަޕުގައި ވާދަކުރާ އިޓަލީ ސްކޮޑުން އޭނާ އަށް ވަނީ ފުރުސަތު ގެއްލިފައެވެ.
"ލަ މަޑޮނިނާ ކްލިނިކުގައި ރިކާޑޯ މޮންޓޮލީވޯ އޮޕަރޭޝަން ކުރާނެ. މޮންޓޮލީވޯ ހުރީ ވަރަށް މާޔޫސްވެފައި. އޮޕަރޭޝަނަށް ފަހު، އިތުރު ވަގުތުތަކެއް ދުއްވާލުމުގެ ބަދަލުގައި އޭނާ ކުޅުމަށް އެނބުރި އަންނާނެ،" އޭސީ މިލާނުގެ ވެބްސައިޓްގައި ވާ ބަޔާނެއްގައި ވެއެވެ.
އަނިޔާގެ ސަބަބުން ފިއޮރެންޓީނާގެ ފޯވަޑް ޖިއުސެއްޕޭ ރޮސީ ވެސް ވަނީ އިޓަލީ ސްކޮޑުން ބާކީކޮށްފައެވެ. ކަކުލުގެ އަނިޔާތަކުން ސަލާމަތްވުމަށް ބުރަ މަސައްކަތެއް ކުރި ރޮސީ އަށް އިޓަލީގެ 23 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ނުދިނުމުން ގިނަ ބަޔަކު ވަނީ އެ ޓީމުގެ ކޯޗު ސެސާރޭ ޕްރެންޑެލީ އަށް ފާޑު ކިޔައިފައެވެ.