02 Jun 2014, 18:39
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގުގެ އެނބުރި އައުމަށްފަހު، މެލޭޝިއާގެ ޕްރިމިއާ ލީގުގައި ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑީއާރުއެމް) މޮޅުވެއްޖެ އެވެ.
ޕްރިމިއާ ލީގުގައި މިއަދު ޕާލިސްއާ ދެކޮޅަށް ކުޅުނު މެޗުން ޕީޑީއާރުއެމް މޮޅުވީ 3-2 ލަނޑުންނެވެ. މެޗުގައި ޕީޑިއާރުއެމްގެ ފުރަތަމަ ލަނޑަކީ ޕާލިސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޕީޑީއާރުއެމްގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވަޑް ޗާލްސް ސޫޒާ ޗެޑް އެވެ.
މިއަދު ޗެޑް ކާމިޔާބުކުރި ދެލަނޑާއެކު އޭނާ ވަނީ މި ސީޒަނުގައި އެ ޓީމަށް ރާއްޖޭ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބުކުރި ލަނޑުގެ އަދަދާއި ހަމަހަމަ ކޮށްފައެވެ. މިހާރު ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައިގައި އޮތީ ސީޒަނުގައި 13 ލަނޑު ކާމިޔާބުކުރި ޕީޑީއާރުއެމްގެ ދަގަނޑޭ އަދި ޗެޑް އެވެ.
މެލޭޝިއާ ޕްރިމިއާ ލީގުގެ ތާވަލަށް ބަލައިލާ އިރު، ކުޅުނު 16 މެޗުން ލިބުނު 40 ޕޮއިންޓާއެކު އަދިވެސް އެއްވަނައިގައި އޮތީ ޕީޑީއާރްއެމް އެވެ. ދެވަނަގައި އޮތް ކޭއެލް ފެލްޑާ ޔުނައިޓެޑް އެފްސީ އަށް ލިބިފައި ވަނީ 34 ޕޮއިންޓެވެ.
ދަގަނޑޭ ނުލައި ޕީޑީއާރުއެމް ދެ މެޗު ކުޅެފައިވާ އިރު، އެ ދެ މެޗުން ވެސް ވަނީ އެއްވަރުވެފައެވެ. ސަބާ އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން 2-2 ލަނޑުން އެއްވަރުވި އިރު، ޔޫއައިޓީއެމްއާ ދެކޮޅަށް ކުޅުނު މެޗުން ޕީޑީއާރުއެމް އެއްވަރުވީ 1-1 ލަނޑުންނެވެ.