02 Jun 2014, 17:04
އިންޑިއާގެ އަންދުރަ ޕްރަދޭޝް ސްޓޭޓް ދެބައިކޮށް، އެގައުމުގެ 29 ވަނަ ސްޓޭޓް މިއަދު ރަސްމީކޮށް އުފައްދައިފިއެވެ.
އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ ތެލަންގާނާ ސްޓޭޓް މިއަދު އުފައްދައި އެސްޓޭޓްގެ ޗީފް މިނިސްޓަރު ކޭ. ޗަންދުރަޝޭކަރު ރާއޯ މިއަދު ހުވާކުރައްވާފައިވާ ކަމަށެވެ. އަދި ބުނީ އެ ސްޓޭޓް އުފެއްދުމަށް ތާއީދުކުރި މީހުން މިއަދު ވަރަށް ބޮޑަށް އުފާފާޅުކުރަމުން އަންނަ ކަމަށެވެ.

ތެލަންގާނާ ސްޓޭޓް އުފެއްދުމާ ގުޅިގެން އެ ސްޓޭޓްގެ އާންމުން އުފާ ކުރަނީ ----ފޮޓޯ: އޭޕީ
އަންދުރަޕްރަދޭޝް ސްޓޭޓްގެ ހުޅަނގު އުތުރުގެ ސަރަހައްދު ތެލަންގާނާގެ ނަމުގައި ވަކި ސްޓޭޓަކަށް ހެދުމަށް 1969 ވަނަ އަހަރުން ފެށިގެން ބަޔަކު އައީ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތް އެންމެ ވަރުގަދަވީ 2009 ވަނަ އަހަރުއެވެ. އެކަމާ ގުޅިގެން އެއަހަރު ގިނަ މުޒާހަރާތަކެއް ކޮށް، ބައެއް މީހުން އަމިއްލައަށް މަރުވުން ފަދަ ހާދިސާތައް ހިނގާފައި ވެއެވެ.
އާ ސްޓޭޓް އުފެއްދުމަށް އިންޑިއާގެ ގާނޫނުހަދާ މަޖިލީހަށް ފުރަތަމަ ހުށަހެޅީ 2013 ވަނަ އަހަރުއެވެ. އެއަހަރު ހުށަހެޅި އެމަސައްކަތް ކުރުމަށް ކޮމިޓީއެއް އުފެއްދުމަށެވެ. ތެލަންގާނާ އުފެއްދުމުގެ ބިލު ޕާލަމެންޓަށް ހުށަހެޅިއެވެ. "އަންދުރަޕްރަދޭޝް ރިއޯގަނައިޒޭޝަން އެކްޓް 2014" ގެ ނަމުގައި ތެލަންގާނާ އުފެއްދުމުގެ ބިލު ފާސްކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ.

ތެލަންގާނާ ސްޓޭޓް އުފެއްދުން ފާހަގަކުރުމުގެ ގޮތުން އިންޑިއާ ފުލުހުން ބޭއްވި ޕެރޭޑް----ފޮޓޯ: އޭޕީ
އާ ސްޓޭޓްގެ ވެރިރަށެއްގެ ގޮތުގައި ކުރިއަށް އޮތް 10 އަހަރު އޮންނާނީ ހަމަ އަންދުރަޕްރަދޭޝްގެ ވެސް ވެރިރަށް ހައިދަރުއާބާދެވެ. އެ 10 އަހަރުގެ ތެރޭގައި ތެލަންގާނާ ސްޓޭޓްގެ ވެރިރަށެއްގެ ގޮތުގައި ހަމަޖައްސާނެ ރަށެއް އެސްޓޭޓުން ތަރައްގީކުރަން ޖެހޭނެއެވެ.
ތެލަންގާނާ ސްޓޭޓްގެ ފުރަތަމަ ޗީފް މިނިސްޓަރު ކޭ.ޗަންދުރަޝޭކަރު ރާއޯއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ މިއަދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. ރާއޯ އަކީ ތެލަންގާނާ ސްޓޭޓް އުފެއްދުމުގެ ހަރަކާތުގެ އެއް ބާނީއެވެ.

ތެލަންގާނާ ސްޓޭޓް އުފެއްދުން ފާހަގަކުރުމުގެ އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ކޭ ޗަންދުރަޝޭކަރު ރާއޯ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން ސަލާމް ކުރައްވަނީ ----ފޮޓޯ: އޭޕީ