އެސްޓިއޯ ނޫފަހި ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ނަމުގައި އަންހެނުންގެ ފުޓްބޯޅަ މުބާރާތެއް މި މަހުގެ އަށް ވަނަ ދުވަހު ބާއްވާ ގޮތަށް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

އެފްއޭއެމް އިން ބުނީ، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ހަތަރު ޓީމް ބައިވެރިވެރިވާ ކަމަށާއި އެ ޓީމްތަކަކީ ކުރީ ފަހަރުގެ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް އާއި ނިއުރޭޑިއެންޓް ސްޕޯޓްސް އާއި ދިވެހި ސިފައިންގެ ކުލަބްގެ އިތުރުން އަންހެނުންގެ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ބައިވެރިވާ ޕޮލިސް ކްލަބް ކަމަށެވެ.

މިފަހަރުގެ މުބާރާތުގެ ގަވައިދު ހަމަޖެހިފައިވާ ގޮތުގެ މަތިން ގައުމީ އަންހެން ފުޓްބޯޅަ ޓީމް ކުޅުންތެރިން ވަނީ ހަތަރު ޓީމަށް ބަހާލާފަ އެވެ.

އެފްއޭއެމް އިން ބުނީ، އެންމެ ފަހުން 2012 ވަނަ އަހަރު ބޭއްވި މުބާރާތަށް ވުރެ، މިފަހަރުގެ މުބާރާތުގެ ފެންވަރު ހުރިހާ ގޮތަކުން ރަނގަޅުވާނެ ކަމަށެވެ. އަދި އެފަހަރު ބާއިވެރިވި ޓީމްތަކުގެ ތެރެއިން، މިފަހަރު ބައިވެރިވެފައި ނުވަނީ ލ. ސްޓާ އާއި އެމްއެންބީސީ އެވެ.

މިއީ އެފްއޭއެމުން ބާއްވާ ދެވަނަ އަންހެން ފުޓްބޯޅަ މުބާރާތެވެ. އެއްމެ ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ 2012 ވަނަ އަހަރު އެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ދަނީ ފޯރިއާ އެކު މުބާރާތަށް ތައްޔާރުވަމުންނެވެ. ރާއްޖޭގެ އަންހެނުންގެ ފުޓްބޯޅަ ތަރައްގީކޮށް ކުރިއެރުވުމަށް ޓަކައި އެފްއޭއެމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.