ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމަށް ގާނޫނީ ވަކީލު މައުމޫން ހަމީދާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިންގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ އެ ދެ ބޭފުޅުންގެ ނަންފުޅު ރައީސް މަޖިލީހަށް ފޮނުއްވެވީ މިއަދު ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ހޯދުމަށް އެންމެ ފުރަތަމަ ރައީސް އޮފީހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޔާމީން މަޖިލީހަށް ފޮނުއްވެވީ ގާނޫނީ ވަކީލު މައުމޫން ހަމީދުގެ ނަންފުޅެވެ. ނަމަވެސް އެފަހަރު އޭނާގެ ނަންފުޅު ފާސްކުރަން ބޭނުންވާ ވަރަށް ވޯޓު ނުލިބުމުން ވަނީ ފާސްނުވެފަ އެވެ.

ދެވަނަ ފަހަރަށް ކުރި އިއުލާނާ ގުޅިގެން ގާޒީ މުހުތާޒާއި އިތުރު ބަޔަކު ކުރިމަތިލެއްވި އިރު، އެފަހަރު މައުމޫން ހަމީދު ކުރިމަތިލައްވާފައެއް ނުވެ އެވެ. އެ އިއުލާން ބާތިލު ކުރައްވައި ރައީސް އޭރު ވިދާޅުވީ އަލުން އިއުލާން ކުރައްވަން ނިންމެވީ އެމަނިކުފާނުގެ އަތުގައި ހުރި ޗޮއިސް މަދުކަމުން ކަމަށެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ޑެޕިއުޓީ ޕީޖީގެ މަގާމުން އިސްތިއުފާދެއްވި ހުސައިން ޝަމީމްގެ އިތުރުން ތިން ގާޒީ އަކު ވެސް ހިމެނެ އެވެ.