ސައުތު ކޮރެއާގެ މަޝްހޫރު ފޯނު އުފައްދާ ކުންފުނި ސެމްސަންގުން ފޯނު އުފެއްދުމުގެ ރޭހުގެ އެންމެ ކުރިޔަށް އެރުމަށް މަސައްކަތް ފަށައިފިއެވެ.  މިގޮތުން ކުރިއަށް އޮތް ތިން އަހަރުތެރޭ، ރޭހުގެ އެއްވަނައިގައި އޮތް ނޮކިއާ 'ވައްޓައިލުމަށް' އުންމީދުކުރާކަން ވަނީ ފާޅުކޮށްފ ައެވެ. އަދި އެކަމަށް ޓަކައި ވަމުންދާ ތައްޔާރީތަކުގެ ބައެއް މަޢުލޫމާތުވެސް ވަނީ ހާމަކޮށްފައެވެ.


ގޫގުލް އެންޑްރޮޮއިޑާއި ވިންޑޯސް ފޯނު 7 ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު ސެމްސަންގަކީ މި ދެ އޮޕަރޭޓިން ސިސްޓަމަށްވެސް އޮރިޖިނަލް ސާމާނު  އުފައްދައިދޭ މައިގަނޑު އެއް ކުންފުނިކަން ފާހަގަކޮށްލެވ ެއެވެ. އަދި މިދިޔަ އަހަރު ސެމްސަންގުން ވަނީ ޒަމާންވީ އޯއެސް ސިމްބިއަންއާއި ދުރަށްޖެހިލައި، ވިންޑޯސް ފޯނު ހަތަކާއި އެންޑްރޮއިޑް އިންޖީނުން ހިންގާ ކާމިޔާބު ފޯނުތަކެއްވެސް ނެރެފައެވެ. އަނެއްކޮޅުން ސިމްބިއަންގެ އެންމެ ފަހުގެ ޢަދަދު 'ސިމްބިއަން ތިނެއް' ހީކުރިހައި ހިތްގައިމުނުވެ، ވައިގައި ހިފާގޮތް ނުުވުމުން ނޮކިއާއަށް ވަނީ ރޭހުގެ އެއްވަނައިގައި ހިފަހައްޓައިލުމަށް އައު ވިސްނުމަކުން ވިސްނައި، ބޮޑު ބަދަލަކަށް ދާންޖެހިފައެވެ.


ސެމްސަންގުން ދުނިޔޭގެ ފޯނު މާކެޓުގައި އެމީހުންގެ ޙިއްސާ ބޮޑުކުރަމުން ދާއިރު މާކެޓުން އިތުރު ފަޅިވަރެއް ކައިލުމަށްޓަކައި އާދައިގެ ފޯނުތަށް އުފައްދާ މިންވަރު ދައްކޮށް، ފެންވަރު ރަނގަޅު ސްމާޓް ފޯނުތަކާއި ޑިވައިސްތައް އުފައްދާ މިންވަރު، ކުންފުނީގެ ޖުމްލަ އުފެއްދުންތަކުގެ 50 ޕަސެންޓް އިތުރުކުރުމަށް ވަނީ ނިންމައިފައެވެ. އަދި ކުޅަދާނަ ޑިވައިސްތަކަށް އިސްކަންދިނުމުގެ ގޮތުން ޓެބްލެޓް ބާޒާރަށް ގިނަ އުފެއްދުންތަކެއް ނެރުމަށްވެސް ވަނީ އަމާޒުކޮށްފައެވެ. މީގެ އިތުރުން މިހާރުވެސް ސެމްސަންގަށް ތަނަވަސް މާކެޓެއް އޮތް ޗައިނާ އާއި ވިއެޓްނާމް އަދި ބްރެޒިލްގައި ހުރި ކާރުޚާނާތަކުގެ އުފެއްދުންތެރިކަން އިތުރުކުރާނެކަން ހާމަކޮށްފައިވާއިރު، ކޮރެއާގެ މައި ކާރުޚާނާތަކުން ބޮޑަށް އަހުމިއްޔަތުކަން ދޭނީ 'މަތީ ފަންތީގެ' އުފެއްދުންތަކަށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.


ސެމްސަންގަކީ މޯބައިލް ފޯނު ސިނާއަތާއި ގުޅުންހުރި، ޑިސްޕްލޭއާއި މެމޮރީ ޗިޕާއި މޯބައިލް ޕްރޮސެސަރ ފަދަ އުފެއްދުންތަކުގެ މައިދާންވެސް ކޮންޓްރޯލުކުރަމުންދާ ބޮޑު ބާރެކެވެ. ވުމާއިއެކު ފޯނުގެ ހަނގުރާމައިގައި ނޮކިއާފަދަ ވާދަވެރި ކުންފުނިތަކުގެ މައްޗަށް ކުރި ހޯދުމުގައި ފެންވަރު ރަނގަޅު އަގުހެޔޮ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ ފުރުސަތު އެ ކުންފުންޏަށް ބޮޑު ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.