28 Mar 2010, 16:11
19:00
ޑޯނާސް ކޮންފަރެންސުން ތިން އަހަރު ދުވަހުގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބޭރުގެ އެހީދޭ ފަރާތްތަކާއެކު ބަނޑޮހުގައި މިއަދު ހެނދުނު ފެށި ދެދުވަހުގެ ބައްދަލުވުމުގައި ރާއްޖެއަށް ތިން އަހަރު ދުވަހުގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް ޑޯނަރ ކޮންފަރެންސް 2010" އިފްތިތާޙު ކޮށްދެއްވުމުގެ ޖަލްސާއަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕްރޮޖެކްޓުތަކަށް ފަންޑުކުރުމަށްޓަކައި އެ 400 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު މި އަހަރުގެ ތެރޭގައި ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މިއަހަރު ސަރުކާރުން އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ ސަރުކާރުގެ ޚަރަދު ބޮޑުވާތީ ބަޖެޓު ޑެފިސިޓްވެފައިވާ ކަމަށާއި، މި ޑެފިސިޓަށް ބޭނުންވާ ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ މާލީ އެހީވެސް މި އަހަރު ތެރޭގައި ހޯދުމަށް ސަރުކާރުން އަމާޒުކުރާ ކަމަށެވެ.
ބޭރުގެ އެހީ ހޯދުމަށް ގަސްތުކޮށްފައި ވަނީ މައިގަނޑު ފަސް ދާއިރާއަކުން ކަމަށާއި އެ ދާއިރާތަކުގެ ތެރެއިން ޑިމޮކްރެސީ ކުރިއެރުވުމާއި ޑެފިސިޓަށްވާ ފައިސާ ހޯދުމަކީ ވަރަށް މުހިންމު ކަންތައްތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖެއަށް މާލީ އެހީތެރިކަމާއި އެހެނިހެން ޓެކްނިކަލް އެހީތައް ހޯދުމަށް ހަމަޖެހިފައިވާ ފަސް ދާއިރާ އަކީ، ރާއްޖޭގެ އިގްތިސާދު ނުވަތަ މެކްރޯ އިކޮނޮމީ އިސްލާހުކުރުމާއި، ޕަބްލިކް ސެކްޓަރ އިސްލާހުކުރުމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުމާއި، މޫސުމީ ބަދަލުތަކުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ފިޔަވަޅު އެޅުމުގެ އިތުރުން ހިއުމަން ރިސޯސް ހަރުދަނާ ކުރުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، އެހީދޭ މީހުންގެ މި ކޮންފަރެންސްގައި ޖުމްލަ 173 މަންދޫބަކު ބައިވެރިވެޑައިގަންނަވާއިރު އޭގެ ތެރެއިން 90 އަށް ވުރެ ގިނަ މަންދޫބުންނަކީ ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުން ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ބައިނަލްއަގްވާމީ ބޮޑު ޖަމިއްޔާތައް ކަމުގައިވާ އ.ދ އާއި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިތުރުން ވޯލްޑް ބޭންކު އަދި އިންޓަނޭޝަނަލް މޮނިޓަރީ ފަންޑުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި އެކި ގައުމުތަކުގެ ސަފީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.