02 Jun 2014, 16:24
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހުރި ވަޒީފާތަކުގެ ތެރެއިން ދިވެހިންނަށް އަދާކުރެވޭނެ ވަޒީފާތަކުން ބިދޭސީން ހުސްކުރަން ސަރުކާރުގައި ވަރަށް އަވަހަށް އެދިވަޑައިގަންނަވާނެ ކަމަށް ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބުދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.
ސްކިލްސް ޓްރޭނިން އެންޑް އެމްޕްލޯއިމެންޓް ޕްރޮގްރާމް (ސްޓެޕް)ގެ ފުރަތަމަ ބުރުގައި ތަމްރީނުވީ ޒުވާނުންނަށް ސެޓްފިކެޓް ދިނުމަށް ނަސަންދުރަ ޕެލަސް ހޮޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިރިފާއު ވިދާޅުވީ އެކަމަށް އެދި ވީހާ ވެސް އަވަހަކަށް ސަރުކާރަށް ސިޓީއެއް ފޮނުވަން ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
"... އަޅުގަނޑުމެން، މިފަހަރުގެ އާ މަޖިލީހަށް ހޮވުނު ޕީޕީއެމް މެމްބަރުން ރޭގައި ވެސް ވަނީ މިކަމާ މަޝްވަރާކޮށްފައި. އަޅުގަނޑުމެން ވަރަށް އަވަހަށް ޓޫރިޒަމް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާނަން. އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕުގެ އެންމެން އިއްތިފާގުވެފައި ވަނީ ޓޫރިޒަމް ސެކްޓާގައި މިއަދު ވަޒީފާ އަދާކުރަމުންދާ ބިދޭސީންގެ ތެރެއިން ދިވެހިންނަށް ވަޒީފާ އަދާކުރެވޭ ދާއިރާތައް ވީހާ ވެސް އަވަހަކަށް ހުސްކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ޓަކައި، އަޅުގަނޑުމެން އެކަމަށް އެދޭނަން،" އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެކަމަށް ގާނޫނެއް ހަދަން ޖެހުނަސް ޕީޕީއެމް މެމްބަރުން އެކަން ކުރައްވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
"... އިރާދަކުރެއްވިއްޔާ މަޖިލީސް ތެރެއިން ވެސް އަޅުގަނޑުމެން އެކަމަށް ގާނޫނު ހަދަން ޖެހޭ ހާލަތް އައިސްފި ކަމަށް ވަންޏާ ގާނޫނު ހަދަން ވެސް މިތިބީ ތައްޔާރަށް. މިއަދު އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ޒުވާނުން ބާރުވެރިކުރުވަން، ދިވެހި ޒުވާނުން މިގައުމުގެ ތަރައްގީގެ އެންމެ ޒިންމާދާރު މަސައްކަތްތައް ކުރަން. އެހެންވީމާ މިކަމަށް ޓަކައި ސަރުކާރުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތަކާ އަދި ސަރުކާރު ބާރުވެރިކުރުމަށް ޓަކައި ، ނުވަތަ ސަރުކާރަށް ބާރުތައް ހޯދުމަށް ޓަކައި މަޖިލީހުން ކުރަން ޖެހޭ މަސައްކަތްތައް ވެސް އަޅުގަނޑުމެން ކުރާނަން." އޭނާ ވިދާޅުވި އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ޒުވާނުންނަށް ސެޓްފިކެޓް ބައްސަވައި ދެއްވީ ރިފާއު އެވެ. ސްޓެޕް ޕްރޮގްރާމް ފެށުމަށް ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އިރު އޭނާ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެ އެވެ.