ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވާ ފަރާތްތަކުގެ އަތުން ބަދަލު ހޯދޭނެ އުސޫލުތަކެއް ބަޔާންކޮށް "ސިއްހީ ފަރުވާ ދިނުމުގައި އިހްމާލު ވުމުގެ ބިލް"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލަމެންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ހުށަހެޅުއްވި ބިލް ވަނީ މަޖިލީހުގެ އިދާރާ އިން ބަލައިގެންފަ އެވެ.

އެ ބިލްގަވާ ގޮތުން ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ސަބަބުން މާލީ ގޮތުން ލިބުނު ގެއްލުމަކަށް ބަދަލު ހޯދުމަށް ކޯޓުގައި އެދެވިދާނެ އެވެ. އެގޮތުން ވަޒީފާ އަދާކުރާ މީހަކާ މެދު ސިއްހީ ފަރުވާދޭ މީހަކުވި އިހްމާލެއްގެ ނަތީޖާއެއްގެ ގޮތުން އެ މީހަކަށް ވަޒީފާ އަށް ނުނިކުމެވިއްޖެ ނަމަ އެ މީހަކަށް ވަޒީފާ އަށް ނުނިކުމެވުނު ދުވަސްތަކަށްވާ އަދަދަށް ފައިސާގެ ބަދަލު ހޯދުމަށް ކޯޓުގައި އެދެވިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ހަމަ އެހެންމެ ސިއްހީ ހިދުމަތް ދިނުމުގައި އިހުމާލުވުމުގެ ސަބަބުން އޭނާ އިތުރަށް ހޯދަން ޖެހުނު ފަރުވާ އަށް ދިޔަ ހަރަދު ވެސް ހޯދަން ކޯޓުގައި އެދެވޭނެ ކަމަށް އެ ބިލްގައި ބުނެ އެވެ.

ސިއްހީ ހިދުމަތެއް ދިނުމުގައި އިހުމާލުވެފައިވުމުގެ ދައުވާ ލިބޭ ފަރާތުން އިހްމާލްވެފައިނުވާކަން ސާބިތުކުރެވޭނެ ގޮތްތަކާއި އަދި އެމީހަކު އިހްމާލު ވެފައިވާކަން ސާބިތުކުރެވޭނެ ގޮތުގެ ތަފްސީލް އެ ބިލްގައި ވަނީ ހިމަނައިފަ އެވެ.

އެ ބިލްގައިވާ ގޮތުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ތިބޭ ނަރުހަކު ނުވަތަ ޑޮކްޓަރަކު އިހްމާލުވި ކަމަށް ދައުވާ ކުރުމުގެ އިތުރުން އެ މަރުކަޒުން އިހްމާލްވި ކަމަށް ގަބޫލުކުރެވޭ ނަމަ އެތަނަކާއި ދެކޮޅަށް ވެސް ދައުވާ ކުރެވިދާނެ އެވެ.

މިއީ 18 ވަނަ ރައްޔިތުން މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލެވެ.