02 Jun 2014, 15:58
ދ. ކުޑަހުވަދޫ ސަމަންދަރުގޭ އަލީ ހަސަން (އައްޔުބޭ) މަރާލުމުގައި ބައިވެރިވި ކަމަށް ޖުވެނައިލް ކޯޓުގައި އިއުތިރާފުވީ ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައި ހުރެ ކަމަށް، އައްޔުބެ މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމްކޮށްފައިވާ ދެ ކުދިން ބުނެފި އެވެ.
އެ ދެ ކުދިން އެހެން ބުނެފައި ވަނީ އައްޔުބޭ މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ދ. ކުޑަހުވަދޫ ފަނަސް، ފައުޒާން މުހައްމަދުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން އެ ދެ މީހުން ހެކީންގެ ގޮތުގައި ހުށަހަޅައި ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުންނެވެ.
ދައުލަތުގެ ވަކީލާ ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި އެ ދެ މީހުން ވެސް ބުނެފައި ވަނީ ތަހުގީގު މަރުހަލާގައި ވެސް ކުށަށް އިއުތިރާފުވީ އެ މައްސަލަ ތަހުގީގު ކުރި ފުލުހުން ބިރުދެއްކުމުން، ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައި ހުރެ ކަމަށެވެ.
"ތަޅާ އަނިޔާ ކުރީ އެއްބަސްކުރުވަން. އެއްބަސްވީމަ ބިޑި ނައްޓަނީ. އެއިރު އަޅުގަނޑަކީ ވަރަށް ކުޑަކަކުޑަ ކުއްޖެއް މިކަންކަން އޮންނަގޮތެއް އަޅުގަނޑަކަށް ނޭނގޭ،" މިހާރު އުމުރުން 18 އަހަރު ފުރިފައިވާ އެ ޒުވާނާ ބުންޏެވެ.
ދައިލަތުން އެ ދެ ކުދިން ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ އައްޔުބެ މަރާލުމުގައި ފައުޒާނާއެކު ބައިވެރި ކަމަށް ފުލުހުންގެ ތަހުގީގުގައްޔާއި ޖުވެނައިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައި ވާތީ އެވެ.
އެ ދެ ކުދިންގެ މައްޗަށް ދައުލަތުން ކުރި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައި ވާތީ، އެ ދެ ކުދިންގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމް އިއްވާފަ އެވެ. އަދި އައްޔުބޭގެ ވާރިސުންގެ ތެރެއިން އެކަކަށް 18 އަހަރު ފުރެންދެން އެ ދެ ކުދިން ޖަލުގައި ބޭތިއްބުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.
އައްޔުބޭ މަރާލި ރޭ އެ ދެ ކުދިން ފައުޒާނާ ބައްދަލުވެފައިވާނެތޯ ދައުލަތުގެ ވަކީލު ދެންނެވުމުން އެ ކުދިން ބުނީ އެ ރޭ ފައުޒާނާ ދިމާވެފައި ނުވާނެ ކަމަށެވެ.
އެ ދެ ކުދިންގެ އިތުރުން ފައުޒާނާއެކު އައްޔުބެ މަރާލުމުގައި ބައިވެރިވި ކަމަށް ކްރިމިނަލް ކޯޓުގައި އެއްބސްވެފައިވާ، އެހެން ނަމެވެސް އޭނާގެ ޝަރީއަތް ނިމިފައިނުވާ، އައްޔުބެއަށް ދޮންކާފަ ކިޔާ އެ ރަށު މާވެލި އިބްރާހީމް ވަސީމް ވެސް ހެކިބަސް ހޯދުމަށް މިއަދު ޝަރީއަތަށް ހާޒިރުކުރިއެވެ.
އޭނާ ވެސް ބުނީ ފުލުހުންގެ ތަހުގީގާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައި ވަނީ ފުލުހުން ބިރުދެއްކުމުން ކަމަށެވެ.
އެ ތިން މީހުންގެ ހެކި ބަހަށްފަހު، ފައުޒާންގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ ދެ ހެކީންގެ ތެރެއިން އެކަކު ޝަރީއަތަށް ހާޒިރުކޮށް މިއަދު ވަނީ ހެކިބަސް ނަގާފައެވެ.
ފައުޒާން ކުރި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ ފައުޒާން އެނައާއެކު އުޅުމަށްފަހު އައްޔުބެ މަރާލި ރޭ 7:15ގެ ފަހުން ގެޔަށޭ ކިޔާފައި ފައުޒާން ދިޔައީ ކަމަށާއި އޭގެ ފަހުން އޭނައާ ދިމާނުވާ ކަމަށެވެ.
ގާޒީ ވިދާޅުވީ ފައުޒާންގެ ފަރާތުން ހުށަހަޅާފައިވާ ދެ ވަނަ ހެކި މީހާ ކޯޓަށް ހާޒިރުވެ ހެކިބަސްދޭން އުޒުރުވެރިވާ ކަމަށް އޭނާ ބުނެފައިވާކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ގާޒީ ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުން ހުށަހަޅާފައިވާ ޑީއެންއޭ ރިޕޯޓު ތަހުލީލު ކުރި ފުލުސް އޮފިސަރު ޝަރީއަތަށް ހާޒިރުކޮށް އޭނާގެ ހެކިބަސް ނަގާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ.
އައްޔުބެ މަރާލާފައި ވަނީ ޖެނުއަރީ 8، 2012 ވަނަ ދުވަހުގެ ރޭ 7:00 ހާއިރު، އޭނާގެ ކާފަދަރިފުޅަށް މެޓާޕެކެޓެއް ގަނެގެން ދަނިކޮށް، ކުޑަހުވަދޫ ދަނޑު މިސްކިތްމަގުން ހިނާފައިދަނިކޮށް ފުރަގަހުން ހަމަލާދީ، މެޔަށް ދަގަނޑު ހަރައިގެންނެވެ. އަދި ކަތިވަޅިޔަކުން ޖަހައި ކަރުގެ ބޮޑު ބައެއް ވެސް ވަނީ ބުރިކޮށްލާފަ އެވެ. އެ ޒަހަމްތަކަށް ފަހު އޭނާ ހަށިގަނޑު އެއްލާލާފައި އޮތީ ފަޅު ގޯއްޗެއްގެ ތެރެއަށެވެ.