ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

މިއަދު ހަވީރު 4:45 ގައި ސްޓެލްކޯ ސެމިނާ ރޫމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ އިންތިހާބުގައި ޑެޕިއުޓީ ލީޑަރު ކަމަށް ހަތަރު ބޭފުޅުން ވަނީ ކުރިމަތިލައްވަން ނިންމަވާފަ އެވެ.

ޕިޕީއެމްގެ ޑެޕިއުޓީ ލީޑަރު ކަމަށް ޝައުގުވެރިކަން ފާޅު ކުރެއްވި ބޭފުޅުންނަކީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކާއެކު ޑެޕިއުޓީ ލީޑަރުން އިންތިހާބު ކުރާނެ އެވެ. އަދި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ މިއަދު ބާއްވާ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގަ އެވެ.