02 Jun 2014, 15:02
މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 34 ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން ދެ ވަނަ ޑިވިޝަންގައި ހަ ޓީމް ބައިވެރިވެފައި ވާ ކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ބުނެފި އެވެ.
މުބާރާތުގައި ބައިވެރިވި ހަ ޓީމަކީ ދަ ބައުސް އާއި ޔޫއެން ފްރެންޑްސް އާއި ކުލަބް ޕީކޭ އާއި ވިޔަންސާ އާއި ވީ ޔުނައިޓެޑް އަދި ސްޓިންގާސް ބާސްކެޓް ބޯލް ކްލަބެވެ.
އެމްބީއޭ އިން ބުނީ، މުބާރާތުގެ ގުރުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އަދި މިފަހަރުވެސް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށްފަހު އެންމެ ގަދަ ދެޓީމެއް ފައިނަލަށް ދަތުރު ކުރާ ގޮތަށް ކަމަށެވެ.
މިމަހުގެ 27 ވަނަ ދުވަހުގެ ނިޔލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުއެނީ އިންޑޯ ކޯޓުގައެވެ.
ހުސްވި އަހަރު ބޭއްވި މިމުބާރާތުގެ ފައިނަލް މެޗުގައި ދަ ބައުސް ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ކްލަބް އީގަލްސް އެވެ.