02 Jun 2014, 15:01
ވޯލްޑް ކަޕުގައި ބެލްޖިއަމް ވިދާލާނެ ކަމަށާއި އެ ޓީމު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް ބެލްޖިއަމްގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ބުނެފި އެވެ.
މި މަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސްވިޑަންއާ ދެކޮޅަށް އިއްޔެ ބެލްޖިއަމް ކުޅުނު އެކުވެރިކަމުގެ މެޗުގައި ކޮމްޕެނީގެ ފަރާތުން ވަރުގަދަ ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައެވެ. އެ މެޗުން ބެލްޖިއަމް މޮޅުވީ 2-0 ލަނޑުންނެވެ. މެޗުގައި ބެލްޖިއަމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އާއި އެޑެން ހަޒާޑެވެ.
"މުހިންމު ކަމަކީ ހުރިހާ ކުޅުންތެރިން ވެސް ފިޓްކޮށް ތިބުން. އަހަރެމެން މި ދައްކުވައިދިނީ އެކަންތައް،" ކޮމްޕެނީ ބުންޏެވެ. "ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ކަންތައް ދަނީ ވަރަށް ރަނގަޅަށް. މުބާރާތަށް ތައްޔާރުވުމަށްޓަކައި އަހަރެމެން ބުރަ މަސައްކަތެއް ކުރި ކަން އަންގައިދޭން އެބަ ޖެހޭ. މުބާރާތުގައި އަހަރެމެން ވިދާލާނެ."
ބެލްޖިއަމް ޓީމުން މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ އެ ޓީމުގެ ފޯވަޑް ލުކާކޫ އެވެ. މިދިޔަ ހަފްތާގައި ލަކްސެންބާގާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ހެޓްރިކެއް ކާމިޔާބުކޮށްފަ އެވެ.
"ސްވިޑަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ކާމިޔާބަކީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" އޭނާ ބުންޏެވެ. "މުބާރާތުގެ ފޮނި ރަހަ ހޯދުމަށް އަހަރެމެން މިދަނީ ބުރަ މަސައްކަތެއް ކުރަމުން. ފަރިތަކުރުންތަކުގައި ހުރިހާ ކުޅުންތެރިން ވެސް ދަނީ ވަރަށް ބުރަ މަސައްކަތެއް ކުރަމުން. ހުރިހާ ކަމެއް ވެސް ދަނީ އަހަރެމެންގެ ރޭވުމާއި އެއްގޮތަށް."
ވޯލްޑް ކަޕުގެ ގްރޫޕް އެޗްގައި ހިމެނޭ ބެލްޖިއަމް ނުކުންނަން ޖެހޭނީ އަލްޖީރިއާ އާއި ރަޝިއާ އަދި ސައުތު ކޮރެއާ އާއި ދެކޮޅަށެވެ.