ގައުމީ ވާޖިބު އަދާކުރުމަށް ފަހު، ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އޭނާ ކުޅެމުން އަންނަ މެލޭޝިއާގެ ޕްރިމިއާ ލީގު ކްލަބް ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑީއާރުއެމް)އާ ގުޅިއްޖެ އެވެ.

ޗެލެންޖް ކަޕުގެ ބްރޮންޒް މެޑެލް ރާއްޖެއަށް ހޯދައި ދިނުމަށް އެހީތެރިވެ ދިނުމަށް ފަހު، ދަގަނޑޭ މެލޭޝިއާއަށް އެނބުރި ދިޔައީ އިއްޔެ އެވެ. މެލޭޝިއާ އަށް ދިއުމަށް ފަހު އޭނާ ވަނީ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

"އަހަރެންނަށް ފޮނުވާ ހެޔޮ އެދުންތަކާއި ދޭ ސަޕޯޓަށް ޝުކުރު އަދާކުރަން. ސަޕޯޓަރުންނާއެކު ރާއްޖޭގައި ހޭދަކުރެވުނީ ވަރަށް އުފާވެރި ދުވަސްތަކެއް،" ދަގަނޑޭގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެ އެވެ.

ޕީޑީއާރުއެމްއާ އަލުން ގުޅުމަށް ފަހު، މިއަދު އެ ޓީމު ޕާލިސްއާ ދެކޮޅަށް ކުޅޭ މެޗުގައި ދަގަނޑޭ ބައިވެރިވާނެ އެވެ. ދަގަނޑޭ ނުލައި ޕީޑީއާރުއެމް ދެ މެޗު ކުޅެފައިވާ އިރު، އެ ދެ މެޗުން ވެސް ވަނީ އެއްވަރުވެފައެވެ. ސަބާ އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން 2-2 ލަނޑުން އެއްވަރުވި އިރު، ޔޫއައިޓީއެމްއާ ދެކޮޅަށް ކުޅުނު މެޗުން ޕީޑީއާރުއެމް އެއްވަރުވީ 1-1 ލަނޑުންނެވެ.