ބްރާވިއާ އައިޑިއާސް ކަޕްގެ ފައިނަލަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި ބަރާބަރު ދަތުރުކޮށްފި އެވެ.

މުބާރާތުގެ ފައިނަލުގެ ޖާގައެއް ބާރާބަރު ހޯދީ ސެމީ ފައިނަލުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ދެކޮޅަށް ކުޅެ، ޕެނަލްޓީ ޖަހައިގެންނެވެ. މި ދެޓީމް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު 3-3 ލަނޑުން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޖަހައިގެން ބަރާބަރަށް ފައިނަލުގެ ޖާގައެއް ހޯދީ 8-7 ލަނޑުން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޭސީއެލްގެ ޖާޒީ ނަންބަރު 10 އިސްމާއިލް މުހައްމަދެވެ. އެމްއާރުޑީސީން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި ފަސޭހަކަމާއެކު 8-1 ލަނޑުން ސްޓެލްކޯ އަތުން މޮޅުވެގެންނެވެ.

އެމްއާރުޑީސީގެ އިސްމާއިލް އީސާ (މެސީ) ހެޓްރިކެއް ކާމިޔާބު ކުރި އިރު، އެ ޓީމުގެ ބާކީ ލަނޑުތައް ޖަހައިދިނީ އަލީ މަލާޝް އާއި މުހައްމަދު ޝައުޔާ އާއި އަހްމަދު ރައްޔާނާއި ރިފާއު އިބްރާހިމް އީސާ އަދި މުހައްމަދު ފުހައިދެވެ.

މެޗުގައި ސްޓެލްކޯ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއާރުޑީސީގެ ޖާޒީ ނަންބަރު 10 އަބްދުﷲ މުހައްމަދެވެ. އައިޑިއާސް ކަޕުގެ ފައިނަލުގައި ބަރާބަރާއި ދެކޮޅަށް އެމްއާރުޑީސީ ނުކުންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00ގަ އެވެ.

ބްރާވިއާ އައިޑިއާސް ކަޕް 2014 ގެ މެއިން ސްޕޮންސަރަކީ ރީފްސައިޑެވެ. އެލައިޑް އިންޝުއަރެންސް އިން ކޯ ސްޕޮންސަރު ކޮށްފައިވާ މި މުބާރާތުގެ ޕްރިންޓިންގް ޕާޓްނަރަކީ އެމްސެވަން ޕްރިންޓެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.